ވަކި އުމުރަކަށް ދިޔުމުން ފިރިހެނުންގެ ބޮލުން އިސްތަށި ފައިބައި ބޯ ތަލަވުމަކީ ވިރާސީ ގޮތުން ކުރިމަތިވާ ކަމެކެވެ. ބައެއް ހާލަތްތަކުގައި ބައެއް ޒާތުގެ ބަލިތަކާ ގުޅިގެން ވެސް ތަލަވާން މެދުވެރިވެއެވެ. މީގެ އިތުރުން އަންހެނުންގެ ބޯ ތަލަވުމުގައި ވެސް ވިރާސީ ބައެއް ސަބަބުތައް މެދުވެރިވާ ކަމަށް ސައެންސްވެރިން ބުނެއެވެ.
މި މައްސަލައަށް އެކަށޭނަ ފަރުވާއެއް އީޖާދުކުރުމަށް މަސައްކަތް ކުރާތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ސައެންސްވެރިން އުންމީދު ކުރަމުން އަންނަނީ، ކޮސްމޯ ފާމަޝޫޓިކަލްސް އިން އެހެން ކަމަކަށް އީޖާދުކޮށްފައިވާ ބޭހަކުން، ތަލަވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. އެއީ އޮށާޅައަށް ފަރުވާ ކުރުމަށް އެ ބޭސް ކުންފުނީގެ ފަރާތުން އުފައްދައި ބޭނުންކުރަމުން އަންނަ ކްލަސްކޯޓެރޯން ކިޔާ، އުނގުޅާ ބޭހެކެވެ.
އެ ކުންފުނީގެ ސައެންސްވެރިން ބުނާ ގޮތުގައި އޮށާޅައިން ސަލާމަތްވުމަށް އުފައްދާފައި ހުރި ކްލަސްކޯޓެރޯން، ބޯ ތަލަވުމުގެ މައްސަލައަށް ފަރުވާ ކުރުމަށް ބޭނުންކުރުމުން ވަރަށް އެދެވޭ ނަތީޖާއެއް މިހާރު ފެނިއްޖެއެވެ. ކޮސްމޯ ކުންފުނިން ބުނި ގޮތުގައި މި ދިރާސާގައި ބައިވެރިކުރި މީހުންގެ ބޮލުގައި މި ބޭސް ބޭނުންކުރުމުން، އެ މީހުންގެ ބޮލުގައި އިސްތަށި އެކުލެވޭ ނިސްބަތް 539 އިންސައްތަ އިތުރުވިއެވެ.
މި ދިރާސާގައި ބައިވެރިކުރި އެންމެންނަކީ ވެސް، އެންޑްރޯޖެނެޓިކް އަލޮޕީޝާ ކިޔާ ޒާތުގެ ތަލަވުން މެދުވެރިވެފައިވާ މީހުންނެވެ. މި ހާލަތު މެދުވެރިވަނީ ހަށިގަނޑުގައި ހިމެނޭ ފިރިހެން ހޯމޯނެއް ކަމަށްވާ އެންޑްރޯޖީން ކިޔާ ވިރާސީ މާއްދާއެއްގެ ސަބަބުންނެވެ. އެމީހުންގެ ބޮލުގައި ކްލަސްކޯޓެރޯން އުނގުޅުމުން، ކުރު މުއްދަތެއްގެ ތެރޭގައި އެމީހުންގެ ބޮލުގައި އިސްތަށި ފެޅުން އިތުރުވިއެވެ.
ކޮސްމޯ ކުންފުނިން ދެކޭ ގޮތުގައި ކްލަސްކޯޓެރޯން އަކީ ތަލަވުމުގެ މައްސަލައަށް މިހާތަނަށް ފެނުނު އެންމެ މުޖައްރިބު ފަރުވާއަށް ވުމުގެ އުންމީދު ވަރަށް ބޮޑެވެ. ޑަބްލިންގައި ރަޖިސްޓްރީ ކޮށްފައިވާ ކޮސްމޯ ކުންފުނިން ބުނިގޮތުގައި ކްލަސްކޯޓެރޯންގައި އެކުލެވޭ މޮލިކިއުލަކީ، ހަންގަނޑުގެ ހަށިގަނޑުގެ އެތެރެއަށް ފޭދިގެންދާ އެއްޗެއް ނޫނެވެ. އެހެންކަމުން މި ބޭހުގެ ސައިޑް އިފެކްޓް ވަރަށް ކުޑަވާނެއެވެ.
މި ދިރާސާގައި 1500 މީހުން ބައިވެރިކޮށް އެމީހުން ދެ ބަޔަކަށް ބަހައިލިއެވެ. އެއް ބައެއްގެ ތަލައިގައި އުނގުޅީ ކްލަސްކޯޓެރޯންގެ ފަސް ޕަސެންޓް އެކުލެވޭ ދިޔާ ބޭހެކެވެ. އަނެއް ގުރޫޕުގެ ތަލައިގައި އުނގުޅީ، ބޭހެއްގެ ގޮތަށް ހަދާފައި ހުރި ބޭހަކަށް ނުވާ (ޕްލޭސްބޯ) އެއްޗެކެވެ.
ދިރާސާގެ ފުރަތަމަ ބުރުގައި، އަސްލު ބޭސް އުނގުޅި މީހުންގެ ބޮލުގައި އަލުން އިސްތަށި ފެޅި ނިސްބަތް ހުރީ 539 އިންސައްތައިގައެވެ، ދެ ވަނަ ބުރުގައި އެ ނިސްބަތް ހުރީ 168 އިންސައްތައިގައެވެ.
ކޮސްމޯ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަނީ، ތަލަވެފައިވާ ބޮލުގައި އިސްތަށި ފެޅުވުމަށް މި ބޭސް ބޭނުންކުރުމުގެ ރައްކާތެރިކަމުގެ މިންގަނޑު ކަށަވަރު ކުރުމުގެ ދިރާސާއެއް ކުރުމަށެވެ. ބާރަ މަސްދުވަހަށް ކުރިއަށް ގެންދާ މި ދިރާސާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. ދިރާސާ ކާމިޔާބުވެއްޖެ ނަމަ، އެމެރިކާ އާއި ޔޫރަޕްގައި މި ބޭސް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާނެއެވެ.
ތަލަވުން ހުއްޓުވާ އާ ބޭހުން ވަރަށް އެދެވޭ ނަތީޖާއެއް ފެނޭ ތަލަވުން ހުއްޓުވާ އާ ބޭހުން ވަރަށް އެދެވޭ ނަތީޖާއެއް ފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ