ޓެރިފް ބޮޑުކުރާތީ، ޗައިނާއިން އެމެރިކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް
ބެއިޖިންގ (14 އޮކްޓޯބަރު 2025): ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން ނަގާ ޓެރިފް 100 އިންސައްތައަށް ބޮޑުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ޗައިނާގެ އަގުބޮޑު ނާދިރު މައުދަންތައް އެމެރިކާއަށް ލިބުން މަނާކުރުމުގެ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާއާ ދެކޮޅަށް އަޅަން ޗައިނާއިން ނިންމައިފިއެވެ. ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، އެ ގައުމުން އުފައްދާ ނާދިރު މައުދަންތައް ދެން ފަސޭހައިން އެމެރިކާއަށް ނުލިބޭނެ ކަމަށާއި އެ ތަކެތި އެމެރިކާއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ ދެވޭނީ ވަރަށް ކުޑަ މިންވަރަކަށް ކަމުގައެވެ. މީގެ އިތުރުން، އެހެން ގައުމަކުން ޗައިނާގެ މިތަކެތި ގަތުމަށް ފަހު އެ ގައުމު މެދުވެރިކޮށް (ތިންވަނަ ފަރާތެއް މެދުވެރިކޮށް) އެމެރިކާއަށް މި ތަކެތި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވެސް ނުދޭނެ ކަމަށާއި އެގޮތަށް އަމަލުކުރާ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މިއީ އެމެރިކާ ޗައިނާއާ ދެކޮޅަށް އަޅަމުންގެންދާ އެކިބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި ވިޔަފާރީގެ ފިޔަވަޅުތަކާއި ޓެރިފް ބޮޑުކުރުން ފަދަ ފިޔަވަޅުތަކުގެ ރައްދުގައި މިހާތަނަށް ޗައިނާއިން އަޅާ އެންމެ ހަރުކަށި ފިޔަވަޅު ކަމަށް ބްލޫމްބާގްއިން ވަނީ ސިފަކޮށްފައެވެ. މި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އެމެރިކާގެ ހައިޓެކް އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށާއި މި ކަމާމެދު އެމެރިކާ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމަށް ބްލޫމްބާގް ނޫސް އެޖެންސީން ބުނެއެވެ. ހައިޓެކްގެ އުފެއްދުންތައް ކަމަށްވާ ސެމިކޮންޑަކްޓާސް، މައިކްރޯ ޗިޕްސް ފަދަ ތަކެތި އުފެއްދޭނީ އާތް ރެއާ މިނެރަލްސް ނުވަތަ ބިމުގައިވާ ނާދިރު މައުދަންތައް ބޭނުންކޮށްގެންނެވެ. މި ތަކެތީގެ މުޅި ސިނާއަތު ބިނާވެފައިވަނީ މި ދެންނެވި ނާދިރު މައުދަންތަކުގެ މައްޗަށެވެ. ޗައިނާއަކީ މިފަދަ ނާދިރު މައުދަންތައް އެންމެ ގިނައިން އުފައްދާ ގައުމެވެ. ދުނިޔޭގައި މިހާރު އުފައްދާ ނާދިރު މައުދަންތަކުގެ ގާތްގަނޑަކަށް 65 އިންސައްތަ އުފައްދަނީ ހަމައެކަނި ޗައިނާއިންނެވެ. ހާލަތު މިގޮތަށް އޮތްއިރު މި ތަކެތި ބޭނުންކޮށްގެން ޗައިނާއިން އެމެރިކާއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަކީ އެމެރިކާއަށް ތަހައްމަލު ނުކުރެވޭނެ އަދި ޗައިނާ އެދޭ ދޫތައް ދޭން އެމެރިކާއަށް މަޖުބޫރުވާނެކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާއާ ދެކޮޅަށް އެމެރިކާ އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ ހައިޓެކް އުފެއްދުންތަކުން ޗައިނާ މަހުރޫމްކުރުން ނޫނީ ވަރަށް މަދުން ނޫނީ އެތަކެތި ޗައިނާއަށް ނުވިއްކުމާއި ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުގެ އަގުބޮޑު ކުރުމަށްޓަކައި އެ މުދަލުން ނަގާ ޑިއުޓީ ނުވަތަ ޓެރިފް 50 އިންސައްތައަށް ބޮޑުކުރުންފަދަ ކަންކަން ހިމެނެއެވެ. މި ހުރިހާ ކަމެއް އެމެރިކާއިން ކުރަމުންގެންދާއިރު ވެސް ޗައިނާއިން މިހާތަނަށް އޮތީ ރައްދުގައި މާ ބޮޑު ފިޔަވަޅުތަކެއް ނާޅައި ކެތްތެރިވެގެންނެވެ. ހައިޓެކްގެ އުފެއްދުންތަކާއި އެ ތަކެތި އުފައްދަން ބޭނުންކުރާ މެޝިނަރީ ޗައިނާއަށް ލިބުމާ ދެކޮޅަށް ވެސް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ދަށުން އެމެރިކާއިން ވަނި މި ތަކެތި ޗައިނާއަށް ވިއްކުން ވަރަށް ބޮޑަށް ލިމިޓްކޮށްފައެވެ. ރައްދުގައި ޗައިނާއިން ވަނީ ޗައިނާ އަމިއްލައަށް ހައިޓެކް އުފެއްދުންތަކުގެ ސިނާއަތު ތަރައްގީކޮށްފައެވެ. މިހާރު ޗައިނާއަކީ ހައިޓެކްގެ އުފެއްދުންތައް ކަމަށްވާ ސެމިކޮންޑަކްޓާސް، މައިކްރޯ ޗިޕްސް ފަދަ ތަކެތި އަމިއްލައަށް އުފައްދައި އެ ތަކެތި އެހެން ގައުމުތަކަށް އެކްސްޕޯޓް ވެސް ކުރަން ފަށާފައިވާ ގައުމެކެވެ. އެމެރިކާއާ ދާދި އެއް ފެންވަރަކަށް ޗައިނާއިން މިހާރުވަނީ މި ތަކެތި އުފައްދަން ފަށާފައެވެ. އެހެންކަމުން މި ތަކެއްޗާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާ ބޮޑު އަސަރެއް މިހާރު ޗައިނާއަކަށް ނުކުރެއެވެ. ނަމަވެސް، ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން ނަގާ ޓެރިފް 100 އިންސައްތައަށް ބޮޑުކުރަން ޓްރަމްޕް ނިންމެވުމުން ޗައިނާއިން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިއާއެކު ޗައިނާއިން މިވަނީ އެ ގައުމުން އުފައްދާ ނާދިރު މައުދަންތައް އެމެރިކާއަށް ވަރަށް މަދުން ނޫނީ ނުލިބޭގޮތަށް އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ