އެސްއެމްޔޫގެ ލީޑާޝިޕް ޕްރޮގްރާމް ބީއެމްއެލްގެ މުވައްޒަފުން ފުރިހަމަކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީގެ (އެސްއެމްޔޫ) ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވުން ބޭންކުން ފާހަގަކޮށްފިއެވެ. ބޭންކުގެ ވިހި މުވައްޒަފުން ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ. އަށާރަ މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީތަކެއް ހިމަނައިގެންނެވެ. މިއީ މުވައްޒަފުންނަށް ބޭންކިން ދާއިރާގެ އަމަލީ މައިދާނުގައި ލީޑާޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެސްއެމްޔޫގެ ލީޑާޝިޕް ޕްރޮގްރާމް ބީއެމްއެލްގެ މުވައްޒަފުން ފުރިހަމަކުރުން -- މީގެ އިތުރުން، ބޭންކުގެ އިތުރު ވިހި މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ. މި ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް ކަމަށެވެ. "އެސްއެމްޔޫއާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ބަދަލުވަމުންދާ މާކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑާޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނާޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑާޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ،" ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލް އެކަޑަމީއަކީ މި ކުރިއެރުމުގެ މައިގަނޑު އިންޖީނެވެ. އެ އެކަޑަމީއިން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެއެވެ. މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ކުރެވޭ މި މުހިންމު މަސައްކަތް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްގެ ފަރާތުން ދެވޭ ޕްރެސްޓީޖަސް "އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ