ދެ އަހަރާއި ބައި ތެރޭގައި ބިލެތްފަހި އެއާޕޯޓުގެ މަޝްރޫއު ނިންމަނީ

ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ށ. ބިލެތްފަހީގެ އެއާޕޯޓު އެޅުމުގެ މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް ނިންމައި، އަމަލީ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފްގެ އިތުރުން ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދެވެ. ބިލެތްފަހީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުން ރައީސް އަތްޖައްސަވަނީ: ދެ އަހަރާއި ބައި ތެރޭގައި ބިލެތްފަހި އެއާޕޯޓުގެ މަޝްރޫއު ނިންމަނީ --- ފޮޓޯ/ ރައީސް އޮފީސް އެ މަޝްރޫއާ ގުޅުން ހުރި އިތުރު ތަފްސީލުތައް ރައީސް މިރޭ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ، ގިނަވެގެން އަށް މަސްދުވަހުގެ ތެރޭގައި، ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ 36 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެއްވެސް މަޑުޖެހުމެއް ނެތި އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި އެއާޕޯޓު ތަރައްގީގެ ހުރިހާ މަސައްކަތް ހިމެނޭހެން، މިއަދުން ފެށިގެން ގިނަވެގެން ދެ އަހަރާއި ބައިން އެއާޕޯޓު ހުޅުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބިން ހިއްކުން ނިމޭއިރަށް، ދެން ހުރި މަސައްކަތް ފެށޭނެ. 1،500 މީޓަރުގެ ރަންވޭއެއް އެޅިގެން މިދަނީ. އަދި އެއާ އެކީގައި ދެން ހުރި ފެސިލިޓީސް ގާއިމުވެގެން މިދަނީ.ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއީ ބާރު ސްޕީޑުގައި އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާނެ މަޝްރޫއެއް ކަމަށް ވިދާޅުވަނީ، އެ ޔަގީންކަން އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ބިލެތްފަހީގެ އެއާޕޯޓަކީ އެ އަތޮޅުގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި، އެ މަޝްރޫއިން ލިބޭނެ ތަރައްގީ އަންދާޒާ ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ