ބިޑަކާނުލައި މަޝްރޫއުތައް ދިނުމަށް ކުރީގެ އޭޖީގެ ފާޑުކިޔުން: ''މަދަނީ ބަސްނޭހުމަކުން ވިޔަސް ހުއްޓުވަންޖެހޭ''

ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ވަކި މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލައި، ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދު އިސްލާހުކޮށްފައިވާތީ، އެކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ. މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް އާދިއްތަ ދުވަހު އަމަލުކުރަން ފެށިއިރު، "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުމާ ގުޅޭ ގަވައިދުތަކަކަށް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން އެއް އިސްލާހުގައި ވަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ. "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އަކީ ވާދަވެރިކަމަށް ހުޅުވާނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ. https://www.sun.mv/212591 އެ އިސްލާހާ ގުޅުވައި ނިޔާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިހާތަނަށް ދައުލަތް ލޫޓުވައިފައި ވަނީ، މިފަދަ އުސޫލުތައް ސަރުކާރުތަކުން އަމިއްލައަށް ހަދައި، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ "ދެފުށް ނުފެންނަ ޑީލް" ހެދޭ ގޮތަށް އުސޫލުތައް ބަދަލުކުރުން ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލަން ޖެހޭ ކަމަށެވެ. "މުޒާހަރާވެސް ކުރަން ޖެހޭ. މަދަނީ ބަސްނޭހުމަކަށް ގޮސްގެން ނަމަވެސް މިފަދަ ކަންކަން ހުއްޓުވަން އެބަޖެހޭ،" ނިޔާޒް ލިޔުއްވާފައިވެއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ