ބިލެތްފަހި އެއާޕޯޓްވެސް 30 މަސްތެރޭ ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއާޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަގޫންކަންދެއްވާފައި މި ވަނީ، ބިލެތްފައްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއެކު ސޮއިކުރައްވައި، އަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެވެ.
މި މަޝްރޫއުގެ ސަބަބުން ރަށާއި ސަރަހައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާ، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ށ. ބިލެތްފަހީގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެއާޕޯޓް މަޝްރޫއުގެ އިތުރުން ވެސް ބިލެތްފަހީގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އުންމީދީ ހަބަރުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ