ފަތުރުވެރިން ގިނައިން އަންނަ ގައުމުތަކުގެ ބަސް އުނގަންނައިދެނީ، ޓިއުޝަން ފީ މިނިސްޓްރީއަށް
ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ބަސް އުނގަންނައިދިނުމަށް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އިގްތިސާދީ ކުރިއެރުން ގެނެސް، ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، މި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކީ މެންޑަރިން، އަރަބި، ފަރަންސޭސި، ޖަރުމަން އަދި ރަޝިއާ ބަހާއި ކޮރެއާ ފަދަ ބަސްބަހުން މުޢާމަލާތްކުރާ މީހުންކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދިވެހީންތަކެއް ވަޒީފާ އަދާކުރަމުން ދާއިރު، ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ބަސްބަހުން މުޢާމަލާތް ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ދިވެހީން މަދުވުން ކަަމަށެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާއި ފަތުރުވެރިންނާ ދެމެދު މި އޮތް މުޢާމަލާތުކުރުމުގެ ދަތިކަން ނައްތާލެވިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ރާއްޖެއަށް އައި ފަތުރުވެރިންތަކެއް: ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުން -- ފޮޓޯ/ ވެލާނާ އެއާޕޯޓް ހަމައެއާއެކު ތަފާތު ބަސްތައް އުނގެނުމުން، ދިވެހި މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިވެ، ވަޒީފާގެ ކުރިއެރުން ލިބޭނެ މަގު ފަހިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންކަމުން ދިވެހި މުވައްޒަފުންނަށް، ތަފާތު ބަސްބަހުން މުޢާމަލާތްކުރުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ޓިއުޝަން ފީ ހަމަޖައްސައިދޭނީ މިނިސްޓްރީގެ ފަރާތުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މަސައްކަތަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެ ތަމްރީނު ޕްރޮގްރާމް އަމާޒުކުރާނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މިހާރު ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ނުކުންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. ތަމްރީނުކުރާނެ ބަސްތަކާއި ތަމްރީނުކުރާނެ ދަރިވަރުންގެ އަދަދު: މެންޑަރިން - 200 ފްރެންޗް - 50 ޖަރުމަން - 50 ޖަޕަނީޒް - 50 އަރަބި - 50 އިޓާލިއަން - 25 ރާއްޖެއަށް މިދިޔަ އަހަރު ދެ މިލިއަން ފަތުރުވެރިން އައިސްފައިވާއިރު މި އަހަރު ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ހަ ގައުމަކީ: ޗައިނާ: 280،416 ރަޝިއާ: 209،047 އިނގިރޭސިވިލާތް: 150،040 ޖަރުމަނު: 122،091 އިޓަލީ: 115،383 އިންޑިއާ: 98،656
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ