ޝަރުޢީ ސަބަބެއް ނެތި ދަރިން މައިންނާއި ވަކިކުރަން ހެޔޮނުވާނެ ސަބަބުތައް-

އަހުރެން މިއުޅެނީ މޮޅީ އަނަހެނުންތޯ ނުވަތަ ފިރިހެނުންތޯ ބަހުސްކުރާކަށް ނޫނެވެ. ބަލައިލަން މިއުޅެނީ ޝަރުޢީ ސަބަބެއް ނެތި ދަރިން މައިންނާއި ވަކިނުކުރަންވީ ސަބަބުތަކަށެވެ.  
އަންހެނުންނަކީ ވަރަށް ގިނަ ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. ފިރިހެނުން ކުރާ ކޮންމެ މަސައްކަތެއް ކުރެވޭނެ އަންހެނުންވެސް ތިބޭނެއެވެ. އަދި ފިރިހެނުން ކުރާ ގިނަ މަސައްކަތް ކުރެވޭނެ ވަރަށް ގިނަ އަންހެނުންވެސް ތިބޭނެއެވެ. 
އެކަމަކު ބުނަން ހެއްޔެވެ؟ އަންހެނުންނަށް ކުރެވޭނެ އެންމެ ޚާއްޞަ އަދި އެންމެ ފައިދާހުރި ކަމަކީ ވިހެއުމެވެ. ކުދިން ވިހެއުމަކީ ހަމައެކަނި އަންހެނުންނަށް ކުރެވޭނެ ކަމެކެވެ. ވިހެއުމުގެ ކުލަދާނަކަން ހަމައެކަނި އަންހެނުންނަށް ދެއްވަވާފައި އޮތްކަމުން އެނގެނީ އެކަމުގައި ސަބަބުތަކެއްވާނެކަމެވެ. ބައެއް ޢިލްމްވެރިން ވިދާލުވާ ގޮތުގައި ދަރިން ބަލައި ތަރުބިއްޔަތުކުރުމުގެ ކަންކަން ކުރުމުގެ ޤާބިލުކަން ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ލިބިފައިވާކަން އެއީވެސް ސަބަބެކެވެ.  
އަންހެނުންނަށް ތަޢްރީފްގެ ބަސް ބުނަން ބޭނުންނުވާ ގިނަ ބައަކުވެސް މި ޙަޤީޤަތް ޤަބޫލުކުރެއެވެ. ދަރިން ބަލައި ތަރުބިއްޔަތުކުރުމުގައި އެންމެ ރަނގަޅަށް އެކަން ކުރެވޭނީ އަންހެނުންނަށް ކަމެވެ.   
9 މަސް ފުރައި ދަރިންވިހައި އެދަރިފުޅަށް ގާތުންދީ އެދަރިފުޅު އެންމެ ތުއްތުއިރު ގެންގުޅެ ބަލަހައްޓާ މީހަކަށްވުރެ ރަނގަޅަށް އެކަން ކުރެވޭނީ ކާކަށް ހެއްޔެވެ؟ އަދި ބުނަންހެއްޔެވެ؟ ކޮންމެ އަންހެނަކަށް ކޮންމެމެ ކުއްޖަކު އެންމެ ރަނގަޅަކަށް ނުބެލެހެއްޓޭނެއެވެ. އެއީ ދަރިން އެންމެ ރަނގަޅަށް ބެލެހެއްޓޭނީ މައިންނަށް ކަމަސް ނުވާތީއެއް ނޫނެވެ.  
ދަރިފުޅަށްޓަކައި މައިމީހާގެ ހިތުގައި އުފެދޭ ލޯތްބާއި ހަމްދަރުދީ އާއި އޯގާތެރިކަން އެހެން މީހެއްގެ ހިތުގައި އުފެދުމަކީ ނުވާނެ ކަމެކެވެ. ނިދަން ތިއްބައި ދަރިން ހޭލައި ރޯންފެށުމުން ނިދިނަގާލައި ދަރިންނަށް ޚިދުމަތްކުރަން ބައްޕައިން ފޭލްވާކަން އެއީވެސް ވިސްނާލަންޖެހޭ ކަމެކެވެ. އެކަމަކު ފުލުފުލުގައި ހޭލަން ޖެހުނަސް އެކަން މައިންނަށް ބުރަކަމަކަށް ނުވެއެވެ.  
ދެމަފިރިން ވަކިވި ނަމަވެސް ޝަރުޢީ ސަބަބެއް ނެތި ދަރިން މައިންނާއި ވަކިނުކުރަންވީ އެސަބަބަށްޓަކައެވެ. ދަރިން މައިންނާއި ވަކިނުކުރަން ދީނުގައި އަންގަވާފައިވަނީވެސް އެސަބަބަށްޓަކައެވެ. ވަކިކޮށްފިނަމަ ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް އެމީހަކަށް ހިތްދަތިކަން ކުރިމަތިކުރައްވަވާނެކަމަށް އޮތް ބަސްފުޅުން މިކަންކަމަށް ދަލީލް ލިބިގެންދެއެވެ.  
މިބުނި ފަދަ ސިފަތައް ލިބިގެންނުވާ މައަކު ހުރެދާނެއެވެ. ނަމަވެސް އެއީ ވަރަށް މަދު ބައެކެވެ. ނިޞްބަތުން އެހައި މަދު ބައަކު ތިބުމަކީ މިދެއްކި ވާހަކައަކީ ޙަޤީޤަތެއް ނޫންކަމަށް ހެދޭނެ ސަބަބެއް ނޫނެވެ.  
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން މިއަދުކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީވެސް މިކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. މައިން މަސައްކަތަށް ނުކުމެފައި ދަރިން ބަލަހައްޓަން އެހެން ބައަކާއި ޙަވާލުކުރެވޭ ކަމެވެ.  
 
- އަލަފް / މިއަދުނޫހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ