މިދިއަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވަމުން ދިޔަ ދިވެހި ފުޓްބޯޅައަށް މިއަދު ސްރީ ލަންކާގައި އެ ގައުމު 3-0 ބަލިކޮށް އާ އުއްމީދުތަކެއް ގެނެސްދީފި އެވެ.
ފުރަތަމަ ހާފުގައި ނާއިޒް ހަސަން (ދާދު) އާއި އިބްރަހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ޖަހައިދިން ދެ ލަނޑުގެ ތެރެއަށް މެޗުގެ އިތުރު ވަގުތުގައި އަލީ ފާސިރު (ސެންޓޭ) ލަނޑެއް އިތުރުކޮށްލަދިނީ އުމުރުން އެންމެ 16 އަހަރުގެ މުހައްމަދު އިލާން އިމްރާންގެ ރީތި ޕާހަކުންނެވެ.
އިސްކަންދަރު ސްކޫލުން ވިދާލި އަދި ގައުމީ 16 އަހަރުން ދަށުގެ ޓީމުން ގައުމީ ޖޫނިއަ ލެވެލްގައި ފެނުނު ފޯވަޑްގެ ސީނިއަ ޓީމުގެ ފުރަތަމަ ފެނިލުން ފެށީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. ބޯޅާގައި ފައިން ޖައްސާނެ ފުރުސަތުގެ ކުރިން ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ކުރި ފައުލްއަކަށް އިލާންއަށް ދެއްކީ ރީނދޫ ކާޑެކެވެ.
އެކަމަކު މެޗުގެ އިތުރު ވަގުތުގައި ގޯލް އޭރިޔާގެ ކުރިމަތިން އިލާންއަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ވަދެ، ގޯލަށް ޖެހުމުގެ ބަދަލުގައި ރީތިކޮށް ދިއްކޮށްލީ އެއަށް ވުރެ ހުސްކޮށް އެރި ފާސިރަށެވެ. އޭނާ ބޯޅަ ވައްދާލީ ލަންކާ ގޯލުގެ ކަނަށް ތިރިންނެވެ.
މިއީ މިދިއަ ދެ އަހަރު ހިޔާނާތާއި އެތައް މިލިއަން ރުފިޔާއަކުން ދަރާފައި އޮތް އެފްއޭއެމްގެ ހިންގުން ހުއްޓުމާ އެކު ދިވެހި ފުޓްބޯޅައަށް އައި ބަނަކަން ސާފުކުރަން ގައުމީ ޓީމުން ހޯދި މުހިންމު މޮޅެކެވެ.
ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތައް ނުބޭއްވި ކުޅުންތެރިންނަށް މެޗުތަކެއް ނުލިބި އޮތް ހާލަތެއްގައި އަލުން އެފްއޭއެމް ހިންގަން ފަށައި ގައުމީ ޓީމު އެކުލަވާލީ، އާ ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ބެލުމުގެ ދަށުން ނޮވެމްބަރު މަހު އޮންނަ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް އަމާޒުކޮށެވެ. އޭގެ ކުރިން ސްރީ ލަންކާއާ އެކު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު، ސައުތު އޭޝިއަން ސުޕާ ކަޕްގެ ނަމުގައި ކުޅެން ނިންމި އެވެ. މިއަދު އެ ކުޅުނީ އޭގެ ފުރަތަމަ މެޗެވެ.
ރާއްޖެ އާއި ލަންކާގެ ދެ ވަނަ މެޗު އޮންނާނީ އަންނަ އަންގާރަަދުވަހު އެވެ.
ރާއްޖެއިން ލަންކާ ބަލިކޮށް ފުޓްބޯޅައިގެ އުއްމީދު އާކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ