6 މިލިއަން ރުފިިިޔާއަށް އަގުއަރާ ޖުމްލަ 109 ސައިކަލު ފުލުހުން މިދިޔަ މަހު ހޯދައިފި

ވަގަށް ނަގާފައިވާ 109 ސައިކަލު، މިދިޔަމަހު ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައިފިއެވެ. ފުލުހުން މި އަދަދުތައް ހާމަކުރީ މިއަދު އެ މުއައްސަސާއިން ނެރުނު "މާލެ ފްރޮންޓްލައިން ޕޮލިސިން" ގެ ތަފާސް ހިސާބުގައެވެ. މި ތަފާސް ހިސާބުގައި ވަނީ މިދިޔަ މަހުގައި ފުލުހުން އަނބުރާ ހޯދާފައިވާ ވަގަށް ނަގާފައިވާ މުދާތަކާއި އޭގެ އަދަދު ހިމަނާފައެވެ. އެ ހުރިހާ މުދަލެއްގެ އަގު ހަތް މިލިއަން ރުފިޔާއަށްވުރެ ގިނައެެވެ. އެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ މަހު މާލޭގައި އެންމެ ގިނައިން ވަގަށް ނަގާފައިވާ މުދަލުގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ ސައިކަލުތަކެވެ. އޭގެ ތެެރޭގައި 109 ސައިކަލު ހިމެނޭއިރު އެތަކެތީގެ މުޅި ޖުމްލަ އަގު، 6،878،766 ރުފިޔާ އަށް އަރައެވެ. ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެެރެއިން 588،823 ރުފިޔާ، ފުލުހުން އަނބުރާ ހޯދާފައިވެއެވެ. އެއީ 20 މައްސަލައެއްގައި ހޯދާފައިވާ ފައިސާތަކެއްކަން މި ތަފާސް ހިސާބުން ދައްކައެވެ. މިދިޔަ މަހު ފުލުހުން ވަނީ 13 ފޯނު ރިކަވާކޮށްފައެވެ. އެ ފޯންތަކުގެ ޖުމްލަ އަގު 154،562 ރުފިޔާއަށް އަރައެވެ. އެހެނިހެން އިލެކްޓްރޮނިކްސްއަށް ބަލާއިރު، 32،300 ރުފިޔާގެ އަގުހުރި އަށް އިލެކްޓްރޮނިކްސް ފުލުހުން ވަނީ ރިކަވާކޮށްފައެވެ. އަދި 39 މައްސަލައެއްގައި ޖުމްލަ 43،115 ރުފިޔާގެ އަގުހުރި އެހެނިހެން ތަކެތި ވެސް ފުލުހުން ވަނީ އަނބުރާ ރިކަވާކޮށްފައެވެ. ފާއިތުވި ސެޕްޓެމްބަރު އެކަކުން، 30ގެ ނިޔަލަށް މާލެ ފްރަންޓްލައިން ޕޮލިސިން އިން ވަނީ ޖުމްލަ 109 ސީންއަކަށް އެޓެންޑްވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ޖުމްލަ 71 ވައްކަމުގެ ސީންއަށް އެޓެންޑުވިއެވެ. އެއަށްފަހު ދެވަނައަށް އެންމެ ގިނައިން މާލެ ފްރަންޓްލައިން ޕޮލިސިންއިން އެޓެންޑްވީ މާރާމާރީގެ ސީންތަކަށެވެ. އެއީ 16 މާރާމާރީގެ ސީންއެވެ. ފޭރުމުގެ 12 މައްސަލައާއި 10 އެކްސިޑެންޓް ސީންއަކަށް މާލެ ފްރަންޓްލައިން ޕޮލިސިންއިން އެޓެންޑްވިއެވެ. ފުލުހުންގެ ތަފާސްހިސާބުގައި ކޮންމެ އަހަރަކު ވެސް ވައްކަމުގެ މައްސަލަތައް އުޅެނީ އެންމެ ކުރީގައެވެ. މި އަހަރުގެ މިހާތަނަށް ވެސް ވައްކަމުގެ 2685 މައްސަލަތަައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ މުއައްސަސާއިން އާންމުކުރި ތަފާސް ހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ