'2 އޮފް އަސް'ގެ ބްރޭކްއަޕް؛ އެ ވާހަކައިގެ ހިއްޗާއި ފޮނި

މިއުޒިކު ބޭންޑެއްގެ ލައިންއަޕަށް ބަދަލުތަކެއް އައުމަކީ ނުފެންނަ މަންޒަރެއް ނޫނެވެ. އެކަމަކު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޭންޑެއްގެ އެންމެ މުހިންމު އެއް މެމްބަރު ވަކިވެދިޔުމަކީ ސުވާލުތަކެއް އުފެދޭ ކަމެކެވެ. މި ހުންނަނީ އެ ބޭންޑަކަށް މަރުދޭ ސަޕޯޓަރުންގެ ހިތްފަޅައިގެންދާ ވަރުގެ ކަންކަމެވެ.
މި ދައްކަނީ ކުއްލި މަޝްހޫރު ކަމަކާ އެކު، ރާއްޖޭގެ އަސްދަނޑިން ވެސް ބޭރަށް އުދުހިލާފައި ގޮސް، 'އިންޓަނޭޝަނަލް ބޭންޑް'އެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާ 2 އޮފް އަސްގެ ވާހަކަ އެވެ. '2 އޮފް އަސް'ގެ ތެރެއިން '1 އޮފް ދެމް' 'ކުއްލިއަކަށް' ވަކިވެގެންދިޔަ ވާހަކަ އެވެ. އެއީ އާންމުންގެ ތެރެއިން ގިނަ ބަޔަކަށް އެ ބޭންޑުން އެންމެ ކަމުދިޔަ މުހައްމަދު ނަސޫހު އެވެ. އެކަމަކު މަޑުކޮށްބަލާށެވެ:
ނަސޫހު ވަކިވީ ހަމަ ކުއްލިއަކަށް ހެއްޔެވެ؟
މި ވާހަކަ ކިޔައިދޭން ލިބުނީ ވަރަށް ކުޑަ ސައިކުރައެކެވެ. އެކަމަކު މިއީ އާދައިގެ ކުރައެއް ނޫނެވެ. މިއިން ސީދާ އިންޓަނޭޝަނަލް ފްލޭވާތަކުގެ ސައި ކައްކާލެވޭނެ އެވެ. އިންޑިއާ ސަޔާއި މަޝްހޫރު އިންގްލިޝް ބްރެކްފާސްޓް ޓީއޭ މި ކިޔާ ސައި ވެސް ކައްކާލެވެ އެވެ. އެހެންވީމާ އަވަހަށް އިށީންނާށެވެ.
ނަސޫހު ވަކިވެގެން ދިޔަކަން 2 އޮފް އަސްއިން ރަސްމީކޮށް ހާމަކުރީ މީގެ ތިން ދުވަސް ކުރިން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. ބޭންޑުގެ ވޯކަލިސްޓު އަހްމަދު އަދުހަމް އާއި ނަސޫހު ފެންނަ، '2 އޮފް ދެމް'ގެ ފޮޓޯއަކާ އެކު ހިއްސާކުރި އެ ޕޯސްޓުގައި ބުނި ގޮތުގައި:
އެ ބޭންޑުން 'ދުނިވަށާ' ޓުއާއެއް ޖައްސަން ފަށާތީ ގިނައިން އުޅެން ޖެހޭނީ ބޭރު ގައުމުތަކާއި ދަތުރުމަތީގައި
މަޝްވަރާތަކަށް ފަހު ދެ ފަރާތުން ނިންމީ ނަސޫހުއަށް އެންމެ ރަނގަޅު ވާނީ ދިވެހި މިއުޒިކް ސީނުގައި ޕާފޯމް ކުރަން
ކައިވެނި ހަފުލާތަކާއި ލޯކަލް ޕްރޮޖެކްޓުތަކާއި އާއިލީ ކަންކަމުގައި ނަސޫހު އުޅޭއިރު، 2 އޮފް އަސްގެ އަޑު ބައިނަލްއަގްވާމީ އިސްޓޭޖުތަކަށް ގެންދާނެ
އަބަދުވެސް ދެކޭނީ ނަސޫހުއަކީ 2 އޮފް އަސް އާއިލާގެ މެމްބަރެއްގެ ގޮތުގައި
މި ޕޯސްޓު މިހާރު އޮތީ ކޮމެންޓު ނުކުރެވޭ ގޮތަށް ލިމިޓު ކޮށްފަ އެވެ. އޭގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ކަމެއް ނޭނގެ އެވެ.
އެކަމަކު އޭގެ މާ ކުރިން ވެސް ނަސޫހު ވަކިވެގެން ހިނގައްޖެ ކަމަށް ބުނާ އަޑުތަކެއް މުޅި ރަށު ތެރޭގައި އޮތީ ފެތުރިފަ އެވެ. އެކަން ނުދަންނަ މީހަކު މިއުޒިކު ސިނާއަތުގައި ވެސް ނެތެވެ. ތަފާތަކީ، 2 އޮފް އަސްގެ ބަޔާން ކިތަންމެ ފޮނިކޮށް ފެންނަން އޮތަސް، އޭގެ ކުރިން ފެތުރުނު ވާހަކަތައް ހިތިކަން ގަދަވުމެވެ.
އާންމުންގެ ސަޕޯޓާއި މަގުބޫލުކަން ނަސޫހުއަށް މާ ބޮޑަށް ލިބޭތީ ސްޓޭޖު މަތީގައި އޭނާއަށް ހަނގާކޮށް، އޭނާއާ ބެހޭ ޒާތީ ވާހަކަ ދައްކައި، އަގުވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް އިވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކަން ނިމޭއިރު ބަދަލުކޮށްލަނީ ސަމާސާ އަކަށެވެ. ބައެއް މީހުން ބުނާ ގޮތުގައި ނަސޫހު ދިޔައީ ހަސަދައިގެ އަލިފާނަށް ކެތް ނުވެގެންނެވެ. އޭނާއަށް އިހުތިރާމެއް އެ ބޭންޑުގައި ނެތެވެ. މި ހުންނަނީ ރަށު ތެރެއިން އިވޭ އަޑުތަކާއި ސޯޝަލް މީޑިއާއިން ފެންނަ ކޮމެންޓުތަކެވެ. ތޯތޯ ވާހަކަ، އެހެން ނޫން ހެއްޔެވެ؟
އިންޑިއާގެ ބެޓްލް އޮފް ބޭންޑްސްގައި ކަވާ ލަވަތަކެއް އިރައި ކުދިކޮށް، 2 އޮފް އަސް އަރައިގެން ދިޔައީ ވިދުވަރެއްހެންނެވެ. އެ ރޯޅީގައި ތައުރީފުގެ ބަސްތައް ފަތިފައްޗަށް ގަތާ އަމުނައި، ސޯޝަލް މީޑިއާ ފުރާލި އެވެ. އެކި ދިމަދިމާލުން 2 އޮފް އަސްއަށް ގިގުތައް ލިޔެ ރަޖިސްޓްރީ ކޮށްދޭން ފެށި އެވެ. ޖެހިގެން އައި ބޮޑު އީދު ބަންދުގައި ގިނަ ރަށްތަކުން ދައުވަތު ލިބުނެވެ.
އެކަމަކު އެއީ ގިނަ ބަޔަކަށް 2 އޮފް އަސްއާ އެކު ނަސޫހު ފެންނާނެ ފަހު ފަހަރެވެ. މާލޭގައި އުޅޭ ބަޔަކަށް މާލެ ސިޓީ ކައުންސިލްގެ ސާފުނަލަ މާލެ ކެމްޕޭން ލޯންޗުކުރަން އާޓިފިޝަލް ބީޗުގައި ޖުލައި ފަހުކޮޅު ބޭއްވި ޝޯގައި އޭނާ ފެނިދާނެ އެވެ. އޭގެ ފަހުން ވީނުވީއެއް ނޭނގި ދެން ހަމަ ގެއްލުނީ އެވެ. އެކަމަކު ނަސޫހު ނުހޯދައި އިހަށް މަޑުކޮށްލާފައި މި ވާހަކަ އަޑުއަހާބަލާށެވެ.
ނަސޫހު ގެއްލުނުކަން ގިނަ މީހުންނަށް އޭރު ރޭކާނުލަ އެވެ. އޭގެ ކުރިން ސަޕޯޓަރުން ހެއްވާލަދިނީ 2 އޮފް އަސްގެ އިންސްޓަގްރާމް އެކައުންޓުން ވައްޓާލި ޕޯސްޓަކުންނެވެ. ބުނީ ބްރިޓަންސް ގޮޓް ޓެލެންޓުގެ އޮޑިޝަންގައި ބައިވެރިވާން ދައުވަތު ލިބިއްޖެ ކަމަށެވެ. އުފަލުގެ ކަރުނައިން ތަތްތެޅިގެން ލިޔެފައި އޮތް އެ ޕޯސްޓުގެ ކެޕްޝަން ކިޔާފައި އަހަރެންނަށް ވެސް ނުރޮވުނީ ކިރިޔާ އެވެ.
އެކަމަކު އޭގެ 10 ވަރަކަށް ދުވަސް ފަހުން ފެނުނީ ފޮށިތައް ބަރުކޮށްގެން ފުރަން ގޮސް ތިއްބާ އެވެ. އުނހު، އިނގިރޭސިވިލާތަކަށް ނޫނެވެ. އިންޑިއާ އަށެވެ. ސައިތަށީގެ ފޮނި ރަހަ ރަނގަޅު ހެއްޔެވެ؟ ނޫން ނަމަ ކުޑަކޮށް ގިރާލަބަލާށެވެ.
ބައެއް ނޫސްތަކުން އެ ދުވަސްވަރު ޖަހާފައި ހުރި ހަބަރުތަކުން އެނގޭ ގޮތުގައި 2 އޮފް އަސް ފުރައިގެން ދިޔައީ 10 އޮގަސްޓުގައި އޮތް އިންޑިއާސް ގޮޓް ޓެލެންޓު (އައިޖީޓީ)ގެ އޮޑިޝަންގައި ބައިވެރިވުމަށެވެ. އެކަމަކު އެތަނުގައި ވެސް ނަސޫހު ފެންނާކަށް ނެތެވެ. އެ ހަބަރުތަކުގެ ކޮމެންޓުގައި ވެސް ބައެއް މީހުން ސުވާލުކުރީ އެކަމާ މެދު އެވެ. ނަސޫހު ކޮބާ ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު ނުލިބުނުއިރު، އައިޖީޓީގައި ވީނުވީއެއް ވެސް މާ ރަނގަޅަކަށް އެނގޭކަށް ނެތެވެ. ފެންނަން އޮތީ ހަމައެކަނި 2 އޮފް އަސްއިން ދިން ކޮންމެވެސް އިންޓަވިއުއެއްގައި ދެއްކި ވާހަކައެކެވެ. ބެޓްލް އޮފް ބޭންޑްސްގައި 2 އޮފް އަސްގެ ހުށަހެޅުންތައް ސޯޝަލް މީޑިއާގައި ދައުރުވި ނަމަވެސް، އައިޖީޓީގެ އަޑެއްބަޑެއް ވެސް ނީވެ އެވެ.
އަނެއްކާ ވެސް ފެންނަނީ ސުރުހީއެކެވެ: ބީޖީޓީ އާއި އައިޖީޓީގެ ތާރީހު ފުށޫ އަރާތީ، 2 އޮފް އަސްއިން އަމިއްލައަށް އައިޖީޓީ ދޫކޮށްލައި، ބީޖީޓީއަށް ދާން ނިންމީ ކަމަށެވެ. ޑިލީޓު ނުކޮށްފި ނަމަ އަދިވެސް އެ ހަބަރު ފެންނާނެ އެވެ. ޑިލީޓު ކުރިޔަސް މައްސަލައެއް ނެތެވެ. ކޮންމެވެސް މީހަކު މިހާރު ހުންނާނީ ސްކްރީންޝޮޓު ވެސް ނަގާފަ އެވެ. ތި ސައިތަށި ހިހޫ ނުވަނީސް ދެން ވެސް ކޯވަރެއް ބޯލަބަލާށެވެ.
އައިޖީޓީ އާއި ބީޖީޓީގެ ވާހަކަތައް މުޅިން ވެސް އިވެނީ މަންޒަރާ ނުލައި ހުސް އަޑެވެ. އެކަމަކު ރަށު ތެރޭގައި ވާހަކަތަކެއް އެބަ ދެކެވެ އެވެ. އިންޑަސްޓްރީގެ ތެރެއިން އަޑުތަކެއް އެބަ އިވެ އެވެ. ބައެއް މީހުން ކިޔާތީ އަޑުއެހީމެވެ: އައިޖީޓީގެ އޮޑިޝަންގައި ނަސޫހު ނުލައި ގޮސް 2 އޮފް އަސްއަށް ރަނގަޅު ޕާފޮމެންސެއް ނުދެއްކުނީ އެވެ. އެހެންވެ ކަޓައިގެން ދިއުމުން ބޮޑު ލަދެއްގައި ނުބެދެން ވެގެން ބީޖީޓީއާ ތާރީހު ފުށޫ އަރާ ކަމަށް ބުނެ ސްޓަންޓެއް ޖެއްސީ އެވެ.
އެކަމަކު އެއީ އިވޭ އަޑުތަކެކެވެ. އަހަރެންނަށް އެ ވާހަކަ ގަބޫލުކުރާކަށް ވެސް ދޮގުކުރާކަށް ވެސް ހަމަ ހިލާ ނުކެރޭނެ އެވެ. އިންޑިއާގައި ވީ ކަމެއް އިންޑިއާގައި ބާއްވާފައި ކުރިއަށްދާނީ ބޭންޑުން އެ ބުނި ގޮތަށް، ތާރީހު ފުށޫ އަރާ ކަމަށް ބަލައިގެންނެވެ. އައިޖީޓީގެ އޮޑިޝަންތައް ނިމި، މިހާރު ކުރިއަށްދަނީ ލައިވް ޝޯ އެވެ. ބީޖީޓީގެ ލައިވް ޝޯތައް ފަށާނީ އަންނަ އަހަރު އެވެ. އަނހަ، ސައި ބޮއިބޮއި ހުއްޓާ ތި ކޮށިއެރީ ނޫން ހެއްޔެވެ؟
ދެން ކޮންމެއަކަސް 2 އޮފް އަސް ބީޖީޓީއަށް ފުރައިގެން ހިނގައްޖެ އެވެ. އިނގިރޭސިވިލާތަށް ގޮސް، 6 ސެޕްޓެމްބަރުގައި ޕްރޮޑިއުސާ އޮޑިޝަނުގައި ކުޅެފި އެވެ. ވީ އެއްޗެއް ވީ އެވެ. ފެންނަން އޮތީ އަނެއްކާ ވެސް ކޮންމެވެސް ނޫހަކުން ޖެހި ހަބަރެކެވެ. 2 އޮފް އަސްގެ އަދުހަމްއާ ހަވާލާދީ އެ ހަބަރުގައި ބުނެފައި އޮތީ އެ އޮޑިޝަނުން ފާސްވެ، ފަނޑިޔާރުންގެ ޕެނަލްއާ ކުރިމަތިލާން ތައްޔާރުވާން ފެށި ކަމަށެވެ. ޕްރޮޑިއުސަރުންނަށް ފަހު ދެން ކޮސް އަރުވާލާނީ ބީޖީޓީގެ ފަނޑިޔާރު ސައިމަން ކަވެލް ވެސް ހިމެނޭ ޕެނަލް އެވެ.
2 އޮފް އަސްއިން ހިއްސާކުރި ބީޖީޓީ ދަތުރުގެ ފޮޓޯތަކުން ވެސް ނަސޫހު ފެންނާކަށް ނެތެވެ. އެހެންވެ ނަސޫހުގެ ފޭނުން އެކަމާ އޭރު ވެސް ސުވާލުކުރި އެވެ. އެކަމަކު ޖަވާބެއް ނެތެވެ.
ޔޫރަޕުން ހަބަރު ލިބޭ ގޮތުގައި، އަދި އެ ހަބަރުތައް ދޮގަކަށް ނުވަނީ ނަމަ އެ ބުނާ އޮޑިޝަންތަކެއް ފަށައިގެން މިހާރު ހައެއްކަ ހަފުތާ ވެއްޖެ އެވެ. ސަޕޯޓަރުންނާ އެކު އަހަރެން ވެސް މި ހުންނަނީ އެ އޮޑިޝަންގެ ސްޓްރީމްތަކުން ދުރަށް ނުޖެހި، 2 އޮފް އަސް ފެނޭތޯ އިސްކިރީނުގައި ލޯ ތަތްކޮށްލައިގެންނެވެ. އަދި ނުފެނެ އެވެ.
އެކަމަކު ދެރަ ނުވާށެވެ. އޮޑިޝަންތައް ނުނިމޭތީއާ އެކު އަދިވެސް ފެނިދާނެ ކަމުގެ އުންމީދު އެބައޮތެވެ. ޝައްކު އުފެދޭ ކަމަކީ ކުރިއަށް ދެން މި އޮތް އިތުރު ޕްލޮޓް ޓުވިސްޓެވެ. މިފަހަރު ސައިތަށިން ތަންކޮޅެއް ބޮޑު ސިޕެއް ޖަހާލައްޗެވެ.
މިހާރު 2 އޮފް އަސް ފުރަން އެ ތައްޔާރު ވަނީ މެލޭޝިއާ އަށެވެ. ތާރީހު ލިޔެލުމަށެވެ. މިއީ ދިވެހި ބޭންޑަކުން ރާއްޖޭން ބޭރުގައި ބާއްވާ ފުރަތަމަ ކޮންސެޓު ޔޯލަ އެވެ. އަނހަ، މިފަހަރު ސައިތަށި މުޅި ތަނަށް ތިޔަ ބަންޑުން ކޮށްލީ ނޫން ހެއްޔެވެ؟ އަހަރެން މި ބުނީ 2 އޮފް އަސްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ޖަހާފައި އޮތް ގޮތެވެ.
އަހަރެން ވެސް ދިވެއްސަކަށް ވީތީ ފަހުރުވެރިކަމާ އެކު މި ވާހަކަ ހިފައިގެން ފޮނިކަނޑަމުން ރަށު ތެރޭގައި މި އެނބުރެނީ އެވެ. އެއް ދުވަހަކު އިންޑަސްޓްރީގެ މީހެއްގެ ގާތުގައި މި ފޮނި ކަނޑައިފީމެވެ. ކަމަކުދާކަށް ނެތެވެ. އޭނާގެ ގާތަށް އައީ ރުޅި އެވެ.
"ދެން ނާޝިދު (ފުލޫ ނާޝިދު)ގެ ވަދާއީ ކޮންސެޓު އެއީ ކޮން އެއްޗެއް؟ އޭގެ ކުރިން ވެސް ކިތައް ޝޯ ބޭރުގައި ކުޅުނު؟" ޗޮސް ކަނޑާލަމުން އަހަރެންނާ ދިމާލަށް ބަވަން ފަށައިގަތީ މިހެންނެވެ.
ބިރުން ކުޑަވެފައި އިނދެ މަ ފަކީރަށް އަހާލެވުނެވެ: އެއީ ކޮން ތަނަކު ކޮން އިރަކު ބޭއްވި އެއްޗެއް ހެއްޔެވެ؟
އޭނާ ބުނެފި އެވެ. އެއަށް ކިޔަނީ 'ހީލިން ރިދަމްސް' އެވެ. ބޭއްވީ ލަންކާގެ ތާޖު ސަމޫދުރާގަ އެވެ. ދެން އަހަރެން ޖީބުން ފޯނު ނަގައި، ގޫގުލް ހާވާލިއިރު ކަމަކުދާކަށް ނެތެވެ. އޭނާ އެ ބުނީ ތެދެކެވެ.
އެންމެ ފަހުން ލަދެއްގައި މި ބެދުނީ އަހަރެންނެވެ. ކަރު އެލުވާލައިގެން ބޯ ކަހަމުން ކަހަމުން ދިޔައިރު ފަހަތުން ބުނި އަޑު އިވުނެވެ: "2 އޮފް އަސް އޭ؟"
ތެދެކެވެ. ދުނިޔޭގެ ހަތަރު ގައުމެއްގައި ސައުންޑްސް އޮފް މޯލްޑިވްސްގެ ނަމުގައި މީގެ އަހަރުތަކެއް ކުރިން ކޮންސެޓުތަކެއް ބާއްވައިފި އެވެ. ދިވެހިން އިންތިޒާމު ކޮށްފައި ވެސް އެބަހުއްޓެވެ. ޒީރޯ ޑިގްރީ އެޓޯލް، ފަސީލައިވް، ނޮތުނެގަލް، އީމާންސް ކޮންސްޕިރެސީ، ޓްރެފިކް ޖޭމް، އުނޫޝާ، މިހެން ގޮސް ރާއްޖޭގެ ބޯޑަރު ހުރަސްކުރި އެތައް ދިވެހި ފަންނާނުންނާއި ބޭންޑުތައް އެބަތިއްބެވެ. ކޮންސެޓާއި ސޯލޯ ކޮންސެޓާއި ޓުއާ އާއި މިހެން ގޮސް ފަންނާނުން ދޭ ޝޯތަކުގެ އެކި ބާވަތްތައް ދިވެހި ފަންނާނުން ބޭރު ގައުމުތަކުގައި ކުޅެ ބާކޮށްފި އެވެ.
ދެން އެ އެންމެންގެ ބޮލަށް ފައިން އަރަމުން ތިބުނަނީ އެ މީހުން ބޭރަށް ގޮސް ސިޔާސީ ބޭފުޅުންގެ ގޭގެއަށް ޒިޔާރަތްކޮށް، ރަށް ބަލައިލަން ބުރު ޖެހީ ކަމަށް ހެއްޔެވެ؟ ނޫން، އެއްގޮތަކަށް ވެސް އެހެނެއް ނުބުނެވޭނެ އެވެ. ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ހެކި އެ ހުރީ އެވެ.
މި ރާއްޖޭގައި ސިޔާސީ ބާރު ނުހިނގާ ނުވަތަ ސިޔާސީ 'ބޭފުޅެއް'ގެ ނުފޫޒާ ނުވަންނަ ހަމަ އެއްވެސް ކަމެއް ނުހިނގަނީ އެވެ. އެހެންވީމަ މި ސައިތަށީގެ ރަހަ ވެސް ހެޔޮވަރު ވާނީ ސިޔާސީ ސަމުސަލަކާ އެކީގަ އެވެ.
މިއީ ޖުލައި ކުރީކޮޅު ހިނގާދިޔަ ކަމެކެވެ. އެމްއެމްޕީއާރުސީ (މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން)އިން 'ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް'އަށް ކުރިމަތިލާން 6 ޖުލައިގައި އިއުލާނެއް ކުރި އެވެ.
މި އެމްބެސެޑާޝިޕްގެ މައިގަނޑު މަގްސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކާ އެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމެވެ.
އެ އިއުލާނުގައި ބުނެފައި އޮތީ އެމްބެސެޑަރަށް ވާން ބޭނުން މީހުން އެ މީހެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ހިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށްފައި އީމެއިލް ކުރުމަށެވެ. ހެއްވާ ވާހަކައެއް އެބައޮތެވެ. އެ އިއުލާނުގައި އެމްބެސެޑާޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއެއް ނެތެވެ. ފައިސާގެ ގޮތުގައި ދެނީ ކިތައް ލައްކަ ނުވަތަ މިލިއަން ކަމެއް ނޭނގެ އެވެ.
އެކަމަކު އަދި އެއަށްވުރެ ހެއްވާ ވާހަކައެއް ބުނަން ހެއްޔެވެ؟ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރަކަށް 2 އޮފް އަސް ހަމަޖެއްސިކަން ޖެހިގެން އައި ދުވަހު ނޫސްތަކުގެ ސުރުހީތަކަށް އަރައިފި އެވެ. ނޫނޭ ވާ އަވަހެވެ.
މި އެމްބެސެޑަރުކަން ދިން ގޮތާ ބެހޭގޮތުން އިންޑަސްޓްރީގެ މީހުން ސުވާލު އުފައްދަން ފެށީ އެހިސާބުންނެވެ.
"އެމްބެސެޑާޝިޕް އަކީ ހަމަ ހުރެލާފައި، ހިތަށް އެރި ބަޔަކަށް ދޭ އެއްޗެއް ނޫން ދޯ؟ ކޮންމެވެސް ކަހަލަ ބެކްގްރައުންޑް ޗެކެއް ހަދަން ވާނެ. އެ ބަޔަކު ކޮށްދިން ހިދުމަތާއި އެބައެއްގެ ހުރި ތަޖުރިބާ، ޑިސިޕްލިން މި ހުންނަނީ ބަލާލަން ޖެހޭ ކަންކަން،" ދިވެހި މިއުޒިކް އިންޑަސްޓްރީގެ ތަޖުރިބާކާރު ބޭފުޅަކު ނަންނުޖަހާ ގޮތަށް ވިދާޅުވި އެވެ.
އޭނާ ސުވާލު އުފެއްދީ، ރަނގަޅު ބެކްގްރައުންޑް ޗެކެއް ހެދި ނަމަ، އެ އެމްބެސެޑާޝިޕް ލިބޭނެ ކަމާ މެދު އެވެ.
އަހަރެންގެ ހިތަށް އެރި އެވެ. މި ރާއްޖޭގައި ނަގާކިޔާ އެތައް ފަންނާނުން އެބައުޅެ އެވެ. ތަޖުރިބާގެ ގޮތުން ބަލައިފި ނަމަ 10 އަހަރު، 15 އަހަރު، 20 އަހަރު އަދި އެއަށްވުރެ ވެސް ދިގު މުއްދަތަކަށް މި ދާއިރާއަށް ހިދުމަތް ކުރި މީހުން އެބަތިއްބެވެ. އެކި ގައުމުތަކުގެ ބޮޑެތި އިސްޓޭޖުތަކުގައި ރާއްޖެ ތަމްސީލުކޮށްދިން ފަންނާނުން އެބަތިއްބެވެ. މިއުޒިކު ކިޔަވައިގެން އައިސް އެ ދާއިރާއަށް ހިދުމަތް ކޮށްދެމުން އަންނަ އެތައް ބަޔަކު އެބައުޅެ އެވެ.
ބުރަ މަސައްކަތުން، ހިތްގައިމު އަމިއްލަ ރާގުތަކާއި އުފެއްދުންތައް އާންމުންނަށް ދޫކޮށްލި މީހުން އެބައުޅެ އެވެ. އެކަމަކު ހަމަ އޭގެ ތެރެއިން އެކަކު ވެސް މި އެމްބެސެޑާޝިޕަށް ޝަރުތުހަމަނުވީ ހެއްޔެވެ؟ ނޫނީ އިއުލާން ކުރިތާ އެއް ދުވަސް ތެރޭގައި ދިނުމުން ކުރިމަތިލާނެ ފުރުސަތު ނުލިބުނީ ހެއްޔެވެ؟ ނޫނީ މިއީ 'މާ މަތީ ބޭފުޅަކު' އަންގަވައިގެން ސީދާ ވަކި ބަޔަކަށް ފަހައިދިން ކޯޓެއް ހެއްޔެވެ؟
މި ހުރިހާ ކަމެއްގެ ތެރޭގައި ރަށު ތެރެއިން އިވޭ އެހެން ވާހަކައެއް ބުނަން ހެއްޔެވެ؟ ބައެއް މީސްމީހުންނަށް، އެ މީހުން ލައްވާ ކުރި އެއްވެސް މަސައްކަތްތަކަށް 2 އޮފް އަސްއިން ފައިސާ ނުދެޔޯލަ އެވެ. ނަސޫހު ދިޔަ އެއް ސަބަބަކީ ވެސް އެއީ ޔޯލަ އެވެ. ސްކޭމެއް ހިންގި ކަމުގެ ތުހުމަތެވެ.
އެކަމަކު ހިތާމައަކީ މީގެ ވެސް ތެދު ދޮގު އެނގޭނެ ގޮތެއް ނެތީމަ އެވެ. ތުހުމަތު ކުރާ އެއްވެސް މީހަކަށް ގުޅެ ގޮތެއް ނުވެ އެވެ. އެކަމަކު ހަނދާނަށް އައީ އެމްބެސެޑާޝިޕް ދިން ގޮތާ މެދު ޝަކުވާކުރި މީހާ އަހަރެންނަށް ދިން 'ހިންޓެވެ'. މީގައި 'ކީ ވޯޑް' އަކީ ބެކްގްރައުންޑް ޗެކް އާއި ސިވިލް ކޯޓެވެ.
މިވާހަކަތަކަށް 2 އޮފް އަސްގެ ބަހެއް ލިބޭތޯ މަސައްކަތް ކުރިއަސް އެކަމެއް ނުވި އެވެ. ބެޓްލް އޮފް ބޭންޑްސް ދުވަސްވަރު އަދުހަމް ގެންގުޅުނު ނަންބަރަކަށް މިހާރު ނުގުޅެ އެވެ. ބޭންޑުގެ ލައިންއަޕް ބަދަލުވާހާ އަވަހަށް ނަންބަރު ވެސް ބަދަލުވަނީ އެވެ. މިއީ ވެސް ފަހަރުގައި ހިންޓެކެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ފާހަގަވި އިތުރު ކަމެއް ބުނެފާނަމެވެ. ނަސޫހު ވަކިވެދިއުމާ ގުޅިގެން ތުންތުންމަތިން އިވޭ އަދި ސޯޝަލް މީޑިއާއިން ފެންނަ ވާހަކަތައް ވެސް ރައްދުވަނީ އެކަކަށެވެ. މަކަރާއި ހީލަތުގެ ތުހުމަތު ވެސް ރައްދު ވަނީ އެކަކަށެވެ. އެއީ 'ކޮން' އާޓިސްޓެއް ހެއްޔެވެ؟
އިންސްޓަގްރާމް އެކައުންޓުން ވެސް މައިގަނޑު ގޮތެއްގައި ފެންނަނީ އެކަކެވެ. އެހެންވީމަ މިއީ ހަމަ 2 އޮފް އަސް ހެއްޔެވެ؟ ނުވަތަ ފެންނަ ފެނުމަށް '4 އޮފް ދެމް' ވިޔަސް އަސްލު '1 އޮފް ދެމް' ހެއްޔެވެ؟ މިއީ ބޭންޑެއްގެ ނަމުގައި ކުޅޭ '1 މޭން ޝޯ'އެއް ހެއްޔެވެ؟
އަސްތާ ކަމަކުދާކަށް ނެތެވެ. 2 އޮފް އަސްގެ މި ވާހަކައިގައި ޖެހިފައި ހުއްޓާ ސައިކުރާ އެ ހުސްވީ އެވެ. އަނެއްކާ ވެސް ޖެހޭނީ ސައިކުރާ އަލުން އުދާށެވެ. ފަހަރެއްގައި ދެން ގިރައިދޭނީ މެލޭޝިއާ ފްލޭވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ