ޔުވެންޓަސް އަތުން ރެއާލް މެޑްރިޑް މޮޅުކޮށްދިނީ ބެލިންގްހަމް

ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ކަޒަކިސްތާންގެ ކައިރެޓް އަލްމަޓީ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޔުވެންޓަސް އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިންގެ ވިލަރެއާލް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބޭނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން ވަނީ ޔުވެންޓަސްގެ ގޯލަށް 14 ހަމަލާއެއް ފޮނުވާލާފައެވެ. އަދި ކައުންޓާ އެޓޭކުތަކުގައި ޔުވެންޓަސް އިން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ފާހުގެ ކުޅުންވނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރެއާލް މެޑްރިޑުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމު އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. މިއީ އެޓީމު ބްރެޒިލް ފޯވާޑް ވިނީސިއަސް ޖުނިއާ ގޯލަށް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް ރެއާލް މެޑްރިޑް މޮޅުވެފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔުވެންޓަސް އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 25 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ