ދަތުރުތަކަށް ބަޖެޓުކުރި ފައިސާގެ 85 ޕަސެންޓު ހުސްވެއްޖެ

މި އަހަރުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައަޅައިފައިވާ ބަޖެޓުގެ 85 ޕަސެންޓު ފައިސާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ހިސާބުތައް ހާމަނުކުރާތާ ގިނަ ދުވަސްތަކެއްފަހުން، އެ މިނިސްޓްރީން ވަނީ މި މަހުގެ 16ވަނަ ދުވަހާ ހަމައަށް ދައުލަތުގެ މާލީ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ހިސާބުތައް ދައްކާގޮތުން މި އަހަރަށް ދަތުރުތަކަށް ބަޖެޓުކުރި 249.1 މިލިއަން ރުފިޔާގެ ތެރެއިން 212.3 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ. އަހަރު ނިމެން ބާކީ ދެ މަސް އޮތްއިރު ބަޖެޓުގައި ބާކީ އޮތީ 36.8 މިލިއަން ރުފިޔާއެވެ. ދަތުރުފަތުރުގެ ބަޖެޓު ހުސްވާން ކައިރިވެފައިވާއިރު، ރައީސް ޑރ. މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް އަތޮޅުތެރެއަށް ގެންދަވަނީ ދަތުރުފުޅުތައް ކުރައްވަމުންނެވެ. މީގެ އިތުރުން އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަކޮށް ކުރި ޚަރަދުވަނީ 5.9 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރީ އެއާޕޯޓުތައް ތަރައްގީކުރުމަށެވެ. އެ ކަމަށް 2.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީއަށް ބަލާއިރު، މިހާތަނަށް 30.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އާމްދަނީގެ 75 އިންސައްތަ ހިއްސާކުރަނީ ޓެކުހެވެ. ބޮޑު ބަޖެޓެއް ސަރުކާރުން މި އަހަަރަށް ކަނޑައެޅިއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ދަށްވުމުން އިދިކޮޅު ފަރާތްތަކުން އެކަމުގެ ފާޑުކިޔުން އަންނަނީ ރައްދުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ