ޑިމޮކްރެސީގެ މަގުގައި ރާއްޖެ ދެމި އޮންނާނެ: ވަހީދު

ހެޔޮވެރިކަމާއި، ޑިމޮކްރަސީގެ މަގުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެ އެވެ.
ވަހީދު މިހެން ވިދާޅުވީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް، އޫލޮފް ސްކޫގްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގް 2025ގެ ހަވާސަގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ހެޔޮވެރިކަމާއި، ޑިމޮކްރަސީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ގަވަނަންސްއާއި ސަލާމަތީ ގޮތުން އެއްބާރުލުންދިނުން ފަދަ ދާއިރާތަކުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި އެ އިއްތިޙާދަށް ޝުކުރުއަދާކުރެއްވި އެވެ.
ސްކޫގް ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން އީޔޫއަށް ފޯރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި، ގިނަ ޤައުމުތައް ހިއްސާވާ ޕްލެޓްފޯމްތަކުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ފުރުޞަތުތަކެއް ހޯއްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުން ވެސް ވަނީ ބައިނަލްޤްވާމީ ދާއިރާތަކުން ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދިނުމާއެކު ރާއްޖެއާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ