ސަރުކާރުގެ އަމާޒަކީ ޕެންޝަން ފަންޑު ދޮވެލުން، އެމްއެމްއޭ އާއި ޕެންޝަން ބޯޑުގެ މެންބަރުން އިސްތިއުފާ ދޭން ޖެހޭ: ފައްޔާޒު ސަރުކާރުގެ އަމާޒަކީ ޕެންޝަން ފަންޑު ދޮވެލުން، އެމްއެމްއޭ އާއި ޕެންޝަން ބޯޑުގެ މެންބަރުން އިސްތިއުފާ ދޭން ޖެހޭ: ފައްޔާޒު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒު ހުރީ ޕެންޝަން ފަންޑު ފުނޑާލުމަށް ކަމަށް ވިދާޅުވެ އެކަމުގައި ބައިވެރިނުވެ އިސްތިއުފާ ދިނުމަށް މަރުކަޒީ ބޭންކާއި ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
"އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، ސެންޓްރަލް ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު މި ސަރުކާރު އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް. ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް،" ސަރުކާރުގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ފައްޔާޒު ލިޔުއްވި އެވެ.
ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުންދިނުމުގައި ބައިވެރި ވުމަކީ އުޒުރެއް ނޫން ކަމަށާއި އެފަދަ ކަމެއް ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕެންޝަން ފަންޑު ބައިވެރިކޮށްގެން ހިންގަން އުޅޭ މުއާމަލާތް ފައްޔާޒު ސިފަކުރެއްވީ "ދިވެހިންގެ މުސްތަގުބަލު ފޭރިގަތުމުގެ" ގޮތުގަ އެވެ.
"އެ ކަމަށް ނޫނެކޭ ބުނަން ނުކެރޭނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަން. ގައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭނެ ގެއްލުން ދިނުމުގައި ބައިވެރިވާ ފަރާތްތައް ރައްޔިތުން ނުކުމެ ޖަވާބުދާރީ ކުރުވާނެ، ޒިންމާކުރުވާނެ،" އޭނާ ލިޔުއްވި އެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު ކަމަށް ވިދާޅުވެ ޕެންޝަން އޮފީހުގެ ބޯޑުން އަހްމަދު ސަރުވަޝް އާދަމް ވަނީ މިއަދު އިސްތިއުފާ ދީފަ އެވެ.
ސަރުވަޝްއަކީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމާއި ބަޖެޓު ތައްޔާރު ކުރުމުގައި މިދިޔަ އަހަރު އޭނާ ވަކިވުމާ ހަމައަށް އެންމެ އިސްކޮށް ހަރަކާތްތެރިވި މުވައްޒަފެވެ. ފިނޭންސްގައި މިނިސްޓްރީގައި އެންމެފަހުން ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމުގަ އެވެ.
ސަރުވަޝްގެ ނިންމުމަށް އެތައް ބައެއްގެ ތައުރީފް އަމާޒުވި އެވެ. އޭނާ ފަދައިން ސިވިލް ސާވަންޓުން ވެސް ސަރުކާރުގެ ޖަރީމާތަކުގައި ބައިވެރިނުވުމަށް މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ގޮވާލެއްވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ. އެކަމަކު، އެ ފައިސާއިން އަމިއްލަ ކުންފުނިތަކަށް ދަރާފައިވާ ފައިސާތައް ދައްކަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ