މިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގުމަކީ މި ވެރިކަމުގައި އެކަން ކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު
މިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ، މި ވެރިކަމުގައާއި ދެން އަންނަ ވެރިކަމެއްގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު އެހެން ވިދާޅުވީ، މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައި ވަނިކޮށެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. ނުރަސްމީ ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދޭ ގޮތުގައި، އެމްއެމްއޭއަށް ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި ވިއްކަނީ 2.5 ބިލިއަން ރުފިޔާގެ ބޮންޑެކެވެ. އެއީ، ފައިސާ ޗާޕުކުރުން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމަކު، އެ މުއާމަލާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. https://x.com/MohamedNasheed/status/1981210909319320001 މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ މި ވެރިކަމާއި ދެން އަންނަ ވެރިކަމެއްގައި ވެސް އެކަމެއް ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ. ނަމަވެސް، އެއީ ސީދާ ކޮން ކަމަކާ ގުޅުވައި ކުރެއްވި ޕޯސްޓެއްކަން ނަޝީދު ހާމައެއް ނުކުރައްވައެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްއެމްއޭއިން ހިންގާ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް އިއްޔެ ވަނީ އިސްތިއުފާދެއްވާފައެވެ. https://sun.mv/213009 އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ މި ސަރުކާރުން އުޅެނީ ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުމަށް ކަމަށް ތުހުމަތުކުރައްވައި، އެފަދަ ކަންކަމަށް ނޫނެކޭ ބުނަން ނުކުރޭނަމަ މަރުކަޒީ ބޭންކު އެމްއެމްއޭއާއި ޕެންޝަން އޮފީހުގެ ވެރިން އިސްތިއުފާދެއްވުމަށް ގޮވާލައްވާފައެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސާ ޗާޕުނުކުރާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ