އައްޑޫ ރޫޅާލަން އުޅުމަކީ މިހާތަނަށް ކުރާ އެންމެ މޮޔަ ކަންތައް

އައްޑޫ ސިޓީ ރޫޅާލަން އުޅުމަކީ މިހާތަނަށް ކުރާ އެންމެ މޮޔަ ކަންތައް ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
މި ވޯޓާއި ގުޅިގެން "ރާއްޖެޓީވީ" އިން ބޭއްވި ބަހުސްގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަކަށް ހަދާފައި އޮތީ ވަރަށް ސްޓްރެޓެޖިކް އަދި ވަރަށް ވިޝަނަރީ، އިލްމީ ނިންމުމެއްގެ މައްޗަށް ކަމަށާއި މިފަދަ ކަންކަމަކީ ސިޔާސީ ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އައްޑޫ ސިޓީއަކަށް ހެދުމަށް ނިންމި ނިންމުމަކީ ތަރައްގީއަށް ވެސް މުހިއްމު ނިންމުމެއް ކަމަށާއި މިވަރުގެ ބޮޑު އިލްމީ ނިންމުމަކަށް 15 ދުވަހުގެ ފުރުސަތެއް ދީފައި ރޫޅާލަން އުޅުމަކީ މޮޔަ ކަމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ސިޔާސީ ބާރުވެރިކަން އޮތީތީ ރޫޅާލަން ހެޔޮވާވަރުގެ ކަމެއް ނޫން. މިވަރުގެ މޮޔަ ކަމެއް އައްޑޫ ސިޓީގެ ތާރީހުގައި ވެސް ހިނގާފައެއް ނެތް،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ވައުދަކީ ސިޓީއެއްގެ ވައުދު ކަމަށާއި އެއީ ސިޓީއެއްގެ ވިޝަނަށް އަދި ސިޓީއެއްގެ މުސްތަގުބަލަށް ވެފައިވާ ވައުދެއް ކަމަށެވެ. އައްޑޫ ތަރައްގީ ކުރެވިގެން ދަނީ މާސްޓަޕްލޭނެއްގެ ދަށުން ކަމަށާއި އެގޮތުން އައްޑޫ ސިޓީއަކަށް ހެދުމަށް ފަހު ފުރަތަމަ ވެސް ކުރި ކަމަކީ އައްޑޫގެ ދިގުރާސްތާގެ ޕްލޭނެއް ހެދުން ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އައްޑޫ ތަރައްގީ ކުރެވިގެންދަނީ އެ ޕްލޭނުގެ ދަށުން ކަމަށްވެސް ވިދާޅުވި އެވެ.
އައްޑޫ ރައްޔިތުން އެކީ ތިބެ ކުރާ ޑިމާންޑްތަކަކީ އޭގައި ބާރުހުރި އަދި ހުރިހާ ސަރުކާރުތަކަކަށް ވެސް އޮތް ގޮންޖެހުމެއް ކަމަށާއި އައްޑޫ ބައިބައިކޮށްލަން ބޭނުންވަނީ ވެސް އެ ސަބަބާއި ހުރެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ޕޮލިސީ ލެވެލްގައި ތިބި އައްޑޫގެ ބައެއް ފަރާތްތަކުން މިކަމުގައި ބައިވެރިވުމަކީ ދެރަވާ ކަމެއް ކަމަށާއި މިކަމުގައި ބައިވެރިވެ އެ ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ