ބައެއް އެކުވެރިން ބުނަނީ ބަރަހަނާ ވީޑިއޯތައް ބެލުމަކީ ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިއިތުރުވާ ކަމެއް ކަމަށެވެ. އެއީ ތެދކަށްވެދާނެތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތް ފުރަތަމަ ކަމަކީ އެކަމަކުން އެއްވެސް ވަރަކަށް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައި ނުވާނެ ކަމެވެ. ޙަޤީޤީ ފައިދާ ކުރާނީ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމުން ކަމަށެވެ.
ތިއަހެން ބުނާ އެކުވެރިންނަކީ އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުގެ އިތުރުން އެކަމުގެ ސަބަބުން މެދުވެރިވާ މުޞީބާތްތައް ނުއެނގޭ ބައަކަށްވެދާނެއެވެ. އެނގިތިބެ ބުނާނަމަ އެއީ ތިބާ ފާފަވެރިކުރުމުގެ އިތުރުން ތިބާގެ ދިރިއުޅުމަށް ގެއްލުންދޭން މަސައްކަތްކުރާ ޝައިޠޯނުންނެވެ.
ތިރީގައިވާ ލިޔުމުން ޙަޤީޤަތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ފާޙިޝް ޢަމަލުތައް ކުރާ ވީޑިއޯ ބެލުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ދެމަފިރިން އެކުގައި ތިބެގެންވެސް ބަލަނީއެވެ. އަނެކާއަށް ސިއްރުން ވަކިން ހުރެގެންވެސް ބަލަނީއެވެ. ދީނީ ގޮތުން އެއީ ކުރުން ޙރާމް ކަމެއްގެ އިތުރުން އެކަމުން ތިމާމެންގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކާއިމެދު ވިސްނައިލެވޭ މީހުންވެސް ދަނީ މަދުވަމުންނެވެ.
ހޯދުންތަކުން އެނގޭ ގޮތުގައި އެބާވަތުގެ ވީޑިއޯ ބަލާ މީހުންނަށް ދާދި އަވަހަށް މާޔޫސް ދިރިއުޅުމަކާއި ކުރިމަތިލާންޖެހެއެވެ. އެއް ސަބަބަކީ ވީޑިއޯތަކުން ފެންނަ މިންވަރަށް ބައިވެރިޔާގެ ކިބައިން އުފާ ނުލިބުމެވެ. އެހިނދު ބައިވެރިޔާގެ މަތިން ފޫހިވެވެން ފަށައެވެ. އެފޫހިކަން އިތުރުވަމުން ގޮސް ބައިވެރިޔާ ކަމުނުދާ ހިސާބަށް ކަންކަންދެއެވެ. ދެމީހުން ވަކިވެސްވެއެވެ. ވީޑިއޯތަކުގަ އެދައްކަނީ އަޞްލު ޙަޤީޤަތް ނޫންކަމާއި އެތައް ކަމެއް އޮޅުވާލައިގެން ކަމާއިމެދު ވިސްނައިވެސް ނުލެވެނީއެވެ.
އެއިރު އުންމީދުކުރެވިފައި އޮންނަނީ އެހެން ބައިވެރިއަކު ހޯދުމުން އެއުފާތައް ލިބޭނެ ކަމަށެވެ. ނަމަވެސް އެކަންވެސް އެގޮތަކަށް މެދުވެރިއެއް ނުވެއެވެ. އެކަމުގެ ސަބަބަކަށްވަނީ އެބާވަތުގެ ވީޑިއޯތައް އުފައްދަނީ މުޅިން ތަފާތު ގޮތަކަށް ކަމަށްވުމެވެ. އެބާވަތުގެ ވީޑިއޯތަކުން އެފެންނަނީ ޙަޤީޤަތެއް ނޫނެވެ. އެޑިޓްކޮށްފައި ހުންނަލެއް މޮޅުކަމުން ގިނަ ބައަކަށް ފާހަގަނުކުރެވުނު ނަމަވެސް އެވީޑިއޯތައް އުފައްދަނީ އުނިބައިތައް ދޫކޮށްލައި ވަރަށް ބޮޑަށް އެޑިޓްކޮށްގެންނެވެ. ވީމާ ވީޑިއޯތަކުން އެފެންނަ ގޮތަށް ދެމަފިރިން އެއްދާން ކުރުމުގެ ކަންކަން ކުރިއަކަށް ނުގެންދެވޭނެއެވެ.
އެކުވެރިންނޭވެ! އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަމެއްކޮށްގެން ހޯދޭނެ ޙަޤީޤީ އެއްވެސް އުފަލެއް ނުވެއެވެ. ކުރިވަރަކަށް ލިބެމުންދާނީ އަނިޔާއެވެ. ގެއްލުމެވެ. ވީމާ އެބާވަތުގެ ވީޑިއޯ ނުބަލާށެވެ. ފާފަވެރިވުމުގެ އިތުރުން ދެމަފިރިންގެ ދިރިއުޅުމަށްވެސް ލިބެމުންދާނީ ބޮޑެތި ގެއްލުންތަކެވެ.
- އަލަފް
އުފާވެރިކަން އިތުރުވާނެކަމަށް ހީވިޔަސް ބަރަހަނާ ވީޑިއޯތައް ބެލީމާ ޒަވާޖީ ހަޔާތަށް ލިބޭނެ ދެރަ މާބޮޑުކަން ހޯދުންތަކުންވެސް ޘާބިތުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ