އިޓާލިއަން ލީގުގެ މެޗު ވެސް ޔޫރަޕުން ބޭރުގައި ނުުކުޅެން ގޮވާލައިފި އިޓާލިއަން ލީގުގެ މެޗު ވެސް ޔޫރަޕުން ބޭރުގައި ނުުކުޅެން ގޮވާލައިފި

މިލާން (އޮކްޓޫބަރު 25) - އަންނަ އަހަރުގެ ފެބްރުއަރީ މަހު، އިޓާލިއަން ލީގުގައި އޭސީ މިލާނާއި ކޯމޯ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ ނިންމުން ބަދަލުކުރަން ސަޕޯޓަރުންގެ ގްރޫޕެއް ކަމަށްވާ ޕްރެޝާ ގްރޫޕް ފުޓްބޯލް ސަޕޯޓާސް ޔޫރަޕް (އެފްއެސްއީ) އިން ގޮވާލައިފި އެވެ.
ޔޫރަޕްގެ ވަރުގަދަ ދެ ލީގު ކަމަށްވާ އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގެ މެޗުތަކެއް ޔޫރަޕުން ބޭރުގައި ކުޅެން، ޔުއެފާ އިން ހުއްދަދިނީ އިންޒާރަކާ އެކު އެވެ. އެ ގޮތުން، ޔުއެފާ އިން ހުއްދަދީފައިވަނީ، ޑިސެމްބަރު މަހު، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގެ މިއާމީގައި ކުޅޭ ގޮތަށާއި، ފެބްރުއަރީ މަހު، އިޓާލިއަން ލީގުގައި އޭސީ މިލާނާއި ކޯމޯ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުރިއަށްދާ ގޮތަށެވެ.
އެކަމަކު، ސަޕޯޓަރުންނާއި ޓީމުތަކުގެ ޕްރެޝަރާ ހެދި، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރާ މެޗެއް އެމެރިކާގެ މިއާމީގައި ކުޅެން ނިންމި ނިންމުން ލަލީގާ އިން ވަނީ ދާދި ފަހުން ކެންސަލްކޮށްފަ އެވެ. އެ ކަމަށް ބަލައި، އެފްއެސްއީ އިން ގޮވާލައިފައިވަނީ، މިލާނާއި ކޯމޯ ކުޅޭ މެޗު ވެސް ޕާތުގައި ކުޅެން ނިންމި ނިންމުން ބަދަލުކުރުމަށެވެ.
"އަސްލު ކުޅެން ޖެހޭ ދަނޑަށް ވުރެން 15000 ކިލޯމީޓަރު ދުރުގައި މި މެޗު ކުޅުމުގެ ބޭނުމެއް ނެތް،" އެފްއެސްއީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޕާތުގައި ކުޅެން ރޭވި އިޓާލިއަން ލީގު މެޗަކީ، ކްލަބްތަކަށް މާލީ ގޮތުން ފައިދާ ބޮޑު ކަމެއް ކަމަށް އެ މެޗު ކުޅޭ ކޯމޯ އިން ވަނީ ބުނެފަ އެވެ. އެ ގޮތުން، ކޯމޯ އިން ބުނީ، އިނގިރޭސި ޕްރިމިއާ ލީގު ފަދަ ވަރުގަދަ ބްރޭންޑްތަކާ މާލީ ގޮތުން ވާދަކުރާނަަމަ، އިޓާލިއަން ލީގުގެ ޓީމުތަކުން މި ފަދަ ގުރުބާނީތައް ވާންޖެހޭ ކަމަށެވެ. އެހެން ނަމަވެސް، ކޯމޯގެ ކޯޗު، ސެސްކް ފަބްރެގަސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޕާތުގައި ކުޅެން އޮތް މެޗު ޝެޑިއުލްކުރި ގޮތަށް ކުރިއަށްދިއުމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ