އުފެއްދުންތެރިކަމާ އަޅައިބަލާއިރު، ދަރަނީގެ ނިސްބަތް 106 ޕަސެންޓަށް އިތުރުވެއްޖެ

ރާއްޖޭގެ އުފެއްދުންތެރިކަމާ އަޅައިބަލާއިރު، މިޙާރު ރާއްޖޭގެ ޖުމްލަ ދަރަނީގެ ނިސްބަތް 106 ޕަސެންޓަށް އުފުލިފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ. އެމްއެމްއޭއިން އިއްޔެ ވަނީ، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް މާލީ ގޮތުން ފާހަގަވާ މުހިންމު ކަންކަން ހާމަކޮށް ތަފާސްހިސާބުތައް ނެރެފައެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި، ޖުމްލަ 127.8 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ދެ ޕަސެންޓު އިތުރު އަދަދެކެވެ. މި ކަމުން ހާމަވަނީ އިގްތިޞާދީ ދުވެލި ކުރިއެރި މިންވަރަށްވުރެ، ދަރަނީގެ ނިސްބަތް ކުރިއެރި ކަމެވެ. އެއާއެކު އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ދަރަނީގެ ނިސްބަތް ވަނީ 104 ޕަސެންޓުން، 106 ޕަސެންޓަށް އިތުރުވެފައިކަމަށް ތަފާސް ހިސާބުތައް ދައްކައެެވެ. އެމްއެމްއޭއިން ބުނީ ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރުން ދަރަނި ނެގުމަށްވުރެ ބޮޑަށް، ރާއްޖޭގެ އެތެރެއިން ދަރަނި ނެގުން ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ޖުލައި މަހު، ސަރުކާރުގެ ޖުމްލަ ޚަރަދު, އެމޯޓައިޒޭޝަން ނުހިމަނައި، 553.4 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައިއާ އަޅައިބަލާއިރު 14 ޕަސެންޓުގެ ދަށްވުމެކެވެ. މައިގަނޑު ގޮތެއްގައި މިހާ ބޮޑު ދަށްވުމެއް އައީ، ކެޕިޓަލް ޚަރަދުތައް ދަށްވީމައެވެ. ނަމަވެސް ރިކަރެންޓް ޚަރަދު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ މި މުއްދަތުގައި 33.9 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ބޭރު ފައިސާގެ ރިޒާވަށް ބަލާއިރު، މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައިގައި ހުރީ 774.52 މިލިއަން ޑޮލަރުގައެވެ. އޯގަސްޓު މަހު ވަނީ 810.05 މިލިއަން ޑޮލަރަށް އިތުުރުވެފައެވެ. އަދި މިދިޔަ މަހު ރިޒާވުގައި 859.46 މިލިއަން ޑޮލަރު ހުއްޓެވެ. މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު މަރުކަޒީ ބޭންކުގައި ދައުރުވަމުންދާ އަދި ރިޒާވްގެ ގޮތުގައި ހިފެހެއްޓިފައިވާ ޖުމްލަ ފައިސާގެ އަދަދު (ރިޒާވް މަނީ ނުވަތަ އެމް0) ވަނީ ތިން ޕަސެންޓު ދަށްވެފައެވެ. މިކަން ދިމާވީ މައިގަނޑު ގޮތެއްގައި ބޭރުގެ ފައިސާގެ ސާފު (ނެޓް) އަދަދު، އެހެން ގައުމުތަކަށް ދައްކަންޖެހޭ ދަރަނި އުނިކުރުމަށްފަހު، ދަށްވުމުންނެވެ. މި ދަށަށް ދިޔަ މައިގަނޑު ސަބަބަކީ، ރާއްޖެއިން ބޭރުން އިތުރު ފައިސާ ދަރަންޏަށް ނެގުމުވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިންޑިއާގެ ރިޒާވް ބޭންކާ އެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެއެވެ. އެ އެއްބަސްވުމާއެކު ލިބުނު ފައިސާއާއެކު، ބޭރުގެ ބައެއް އެސެޓްތައް އިތުރުވި ނަމަވެސް، އަނބުރާ ދައްކަންޖެހޭ އަދަދު އިތުރަށް ބޮޑުވެ، ބޭރުގެ އެސެޓުގެ ސާފު އަދަދު ދަށްވީއެވެ. އަނެއްކޮޅުން މަރުކަޒީ ބޭންކުން ރާއްޖޭގެ ތެރޭގައި ދައުރުކުރާ ފައިސާ އިތުރުވީއެވެ. މިހެން ދިމާވީ، ރާއްޖޭގައި ހިންގާ ބޭންކުތަކަށާއި މާލީ އިދާރާތަކަށް، މަރުކަޒީ ބޭންކުން އިތުރު ލޯނު ދިނުމުންނެވެ. އެހެންވެ ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ ޙާލަތު ދަށްވެ، އެތެރޭގެ މާލީ އެސެޓްތައް އިތުރުވެ، ޖުމްލަ ރިޒާވް ފައިސާ ދަށްވެގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ