އަޖޭގެ ފިލްމީ ކެރިއަރަށް 34 އަހަރު، އަދިވެސް އެންމެ އުހުގައި
ފިލްމު "ޕޫލް އޯރް ކާންޓޭ"އިން މީގެ 34 އަހަރު ކުރިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި އަޖޭ ދޭވްގަންއަކީ މިއަދާ ހަމައަށް ވެސް އިންޑަސްޓްރީގައި ސާބިތުކަމާ އެކު ކުރި ހޯދަމުން އަންނަ އެކްޓަރެކެވެ. ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ރީތި އެކްޝަން ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ކުކޫ ކޮލީގެ "ޕޫލް އޯރް ކާންޓޭ"އަކީ މިހާރާ އަޅާބަލާއިރު ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެންމެ ތިން ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި އެ ފިލްމުގައި އަޖޭ ބެލުންތެރިންނަށް ދައްކާލި ފުރަތަމަ މަންޒަރަކީ މިހާރު ވެސް ގިނަ ބައެއްގެ ހިތުން ފިލައިގެން ނުދާ މަންޒަރެކެވެ. އަޖޭގެ ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕޫލް އޯރް ކާންޓޭ" ރިލީޒްކުރި ތާރީޚުގައި ބޮލީވުޑްގެ މަޝްހޫރު ޔަޝް ރާޖް ފިލްމްސްގެ "ލަމްހޭ" ވެސް ރިލީޒްކުރުމުން އެ ފިލްމުގެ ހިޔަނީ އަޖޭގެ ފިލްމަށް އެޅިދާނެކަމުގެ ބިރު ވެސް އޭރު ހީކުރެވުނެވެ. އެހެންނަމަވެސް، އަލަށް އިންޑަސްޓްރީއަށް ތައާރަފުވި ތަރިއެއްގެ ފިލްމަކާ އަޅާ ބަލާއިރު "ޕޫލް އޯރް ކާންޓޭ"އަށް އޭރު ހޯދުނު ކާމިޔާބީ ވަކި ކުޑައެއް ނޫނެވެ. އަޖޭ އަންހެނުން އަދި ބަތަލާ ކާޖޮލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ އެ ފިލްމުން ލިބުނު މަޝްހޫރުކަމާ އެކު އަޖޭއަށް އިންޑަސްޓްރީގެ ޕްރިޑިއުސަރުންގެ ތައުރީފާ އެކު ފުރުސަތުތައް ވެސް ދިޔައީ އޮހެމުންނެވެ. ފުރަތަމަ ފިލްމުން ލިބުނު ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފުމަށް ފަހު އަޖޭ ވަނީ އެކްޝަން ޖޯންރާގެ ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. މިހާތަނަށް 100އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަޖޭއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރޭ ހިމެނޭ އެންމެ އުފެއްދުންތެރި އެންމެ ތަޖުރިބާކާރު އެކްޓަރެވެ. ފިލްމީ ކެރިއަރަށް 34 އަހަރު ފުރުނުއިރު އަޖޭއަށް ހަތަރު ނެޝަނަލް އެވޯޑު ލިބިފައިވާއިރު އިންޑިއާގެ ސަރުކާރުން އަރުވާ ޕަދުމާ ޝްރީ ޝަރަފު ވެސް އެކްޓަރަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް، އަދިވެސް އަޖޭގެ ވިސްނުން ހުރީ ފިލްމު އިންޑަސްޓްރީގައި ސާބިތުކަމާ އެކު ކުރިއަށް ދިއުމަށެވެ. އަޖޭ ދޭވްގަން ފިލްމު "ޕޫލް އޯރް ކާންޓޭ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓައިމްސް އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ފިލްމު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ 56 އަހަރުގެ އެކްޓަރަކީ އަމިއްލަ ފިލްމު ޕްރޮޑަކްޝަންއެއް ވެސް ހިންގަމުން އަންނަ ކުޅަދާނަ ވިޔަފާރިވެރިއެކެވެ. އަޖޭ ދޭވްގަން ފިލްމްސްގެ ނަމުން ހިންގަމުން އަންނަ މި ޕްރޮޑަކްޝަން ކުންފުންޏަކީ ފިލްމު ޑިސްޓްރިބިއުޓް ވެސް ކުރާ ކުންފުންޏެކެވެ. ހަމައެއާއެކު އަޖޭ އަންނަނީ އިންޑިއާގެ އެކި ހިސާބުތަކުގައި ބެލުންތެރިންނަށް ފަސޭހަކަމާ އެކު ފިލްމު ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ސިނަމާތަކެއް ވެސް ހިންގަމުންނެވެ. އެ ކަމަށް ޚާއްސަކޮށް "ދޭވްގަން ސިނެކްސް"ގެ ނަމުގައި ކުންފުންޏެއް ހިންގަމުން އަންނައިރު އެކްޓަރުގެ އަމާޒަކީ ފެންވަރު ރަނގަޅު ވިޝުއަލް އެފެކްޓްސްއާ އެކު ބޮލީވުޑްގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިނުމެވެ. ކޮންމެ އަހަރަކު ވެސް މެދުކެނޑުމެއްނެތި އަޖޭގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދެމުން އަންނައިރު ފިލްމީ ދާއިރާއަށް އަޖޭގެ ހިތުގައި އޮތް ލޯތްބާއި ޤަދަރު އެކަމުން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. މިއަދު ވެސް ފިލްމު އިންޑަސްޓްރީގެ އެންމެ ޑިމާންޑު އޮންނަ އެކްޓަރުންގެތެރޭ ހިމެނޭ އަޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހުގެ 14ގައި ރިލީޒްކުރި ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ