ކޮމަންވެލްތު ގޭމްސް އަށް 100 އަހަރު ފުރޭ ހާއްސަ ގޭމްސް، 2030 ވަނަ އަހަރު އިންޑިއާގެ އަމްދަވާދުގައި ކުރިއަށްގެންދިއުމަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން އިން ނިންމައިފި އެވެ.
އަމްދަވާދުގައި މި ގޭމްސް ކުރިއަށްގެންދިއުމަށް ކަނޑައެޅީ، ސްކޮޓްލެންޑްގެ ގްލަސްގޯގައި އަންނަ އަހަރު ބޭއްވުމުގެ ކުރިން، އެ ގައުމުގައި އިއްޔެ ބޭއްވި ކޮމަންވެލްތުގެ ޖެނެރަލް އެސެމްބްލީގަ އެވެ.
ކޮމަންވެލްތު ސްޕޯޓްސް އިވެލުއޭޝަން ކޮމިޓީން އިންޑިއާގެ އަމްދަވާދު، ހޯސްޓް ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ، ނައިޖީރިއާގެ އަބޫޖާ އަށް ވުރެން ރަނގަޅުވުމުންނެވެ. މިއީ، އަބޫޖާ އަށް މި ފުރުސަތު ގެއްލުނު ދެ ވަނަަ ފަހަރެވެ. އަނެއްކޮޅުން، މިދިޔަ 20 އަަހަރު ތެރޭ ކޮމަންވެލްތު ގޭމްސް އިންޑިއާގައި ބާއްވާނެ ދެ ވަނަ ފަހަރެވެ. އިންޑިއާގެ ނިއު ދިއްލީގައި 2010 ވަނަ އަހަރު ކޮމަންވެލްތު ގޭމްސް ހޯސްޓްކުރިއިރު، 2014 ވަނަ އަހަރު ގްލަސްގޯގައި ކޮމަންވެލްތު ގޭމްސް ބޭއްވުމުގެ ފުރުސަތު ލިބުނީ، އަބޫޖާއާ ވާދަކޮށެވެ.
ކޮމަންވެލްތު ގޭމްސްގެ 2030 ވަނަ އަަހަރު ބާއްވާ "ސެންޓެނަރީ" ގޭމްސްގައި، 15-17 ދެމެދުގެ އަދަދަކަށް ކުޅިވަރު ބާއްވާނެ އެވެ. މިއީ، 2022 ގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތުގައި އޮތް 19 ކުޅިވަރަށް ވުރެން މަދު އަދަދެއް ނަމަވެސް، އަންނަ އަހަރު ސްކޮޓްލެންޑުގައި ބާއްވާ ގޭމްސް އަށް ވުރެން އިތުރު އަދަދެކެވެ. ގްލަސްގޯގައި އޮތް ކޮމަންވެލްތު ގޭމްސްގައި، އޮތީ 10 ކުޅިވަރެކެވެ.
މިހާރު އޮތްގޮތުން، 2030 ގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓޭޑިއަމް ނަރެންދުރަ މޯދީ ސްޓޭޑިއަމްގަ އެވެ. އެ ދަނޑަށް 132،000 ސަޕޯޓަރުންނަށް ވަދެވެ އެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތު ގޭމްސްގައި، ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. އެހެންވެ، 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަނުކުރެ އެވެ.
ކޮމަންވެލްތާ ގުޅުމަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ 2020 ވަނަ އަހަރު އޮގަސްޓް މަހުގަ އެވެ. ރާއްޖޭން ވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފަ އެވެ.
ކޮމަންވެލްތު ގޭމްސްގެ ހާއްސަ ގޭމްސް 2030 ގައި އިންޑިއާގައި ކޮމަންވެލްތު ގޭމްސްގެ ހާއްސަ ގޭމްސް 2030 ގައި އިންޑިއާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ