އެފްއޭއެމް އިން އަންނަ މަހު ބާއްވަން ނިންމާފައިވާ، ވިމެންސް ފުޓްބޯލް ލީގުގައި ޕޮލިހުގައި އުޅޭ ކުޅުންތެރިންނަށް ނުކުޅެވޭނެކަން އެ އިދާރާ އިން އެންގުމާ އެކު، ކްލަބްތަކަށް އޭގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު، އެފްއޭއެމް އިން ބާއްވަން ނިންމާފައިވާ ވިމެންސް ފުޓްބޯލް ލީގުގައި ހަ ޓީމެއް ވާދަކުރެ އެވެ. އެއީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.
އިއްޔެ އެ މުބާރާތުގެ ގުރުއަތުލުން، ކުރިއަށްދިޔައިރު، ކްލަބްތަކުން ވަނީ، އެ ޓީމުތަކުގައި ހިމަނާފައިވާ ޕޮލިހުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނަށް އެ މުބާރާތުގައި ނުކުޅެވޭނެކަން އަންގާފައިވާތީ ހުރި ގޮންޖެހުންތައް އެފްއޭއެމަށް ހިއްސާކޮށްފަ އެވެ. އަދި، އެހެންވެ، އެފްއޭއެމް އިން ވަނީ، ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު އިތުރުކޮށްދީފަ އެވެ.
އަންހެން ފުޓްބޯޅަ އަށް އެފްއޭއެމުން 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބައިވެރިވާ މުބާރާތަށް ޓީމުތަކުން ވަރަށް ރަނގަޅަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން، ޕޮލިހުގައި ވަޒީފާ އަދާކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ ގޮތަށް އެކި ކްލަބްތަކަށް ވަނީ ބަދަލުވެފަ އެވެ. އެ ގޮތުން، އެ ކުޅުންތެރިން ކޮންޓްރެކްޓްގައި ވެސް ސޮއިކޮށްފައިވަނިކޮށް، ޕޮލިހުން އެ ކުޅުންތެރިންނަށް އަންގާފައިވަނީ، އަންހެން ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުޅުންތެރިންނަށް ފުލުހުން އަންގާފައިވާ ގޮތުގައި، ޗުއްޓީއެއް ނަގައިގެން ވެސް މި މުބާރާތުގައި ކުޅެވޭނެ ގޮތެއް ނެތެވެ. އަދި، މި ކަމުގެ މަގުބޫލު ސަބަބުތަކެއް ނެތި، މި ގޮތަށް ނިންމުމާ އެކު، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ޖާގަ ހޯދުމަށް އޮތް ފުރުސަތު ގެއްލުނީ އެވެ.
އެއީ، އަންހެން ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމަށް ސްކޮޑު ނެގުން އޮތީ ކުރިއަށް އޮތް އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުން ކަމަށްވާތީ އެވެ.
ޕޮލިހުގައި އުޅޭ އަންހެން ފުޓްބޯޅަ ކުޅުންތެރިން ރަށްރަށުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވެސް ޓީމުތަކަށް ކުޅެ އެވެ. "އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިއަށް އޮތް އެފްއޭއެމްގެ ވިމެންސް ފުޓްބޯލް ލީގުގައި ޕޮލިހުގައި އުޅޭ ކުޅުންތެރިންނަށް އެ މުބާރާތުގައި ވާދަކުރާ ކްލަބްތަކަށް ކުޅުމުގައި ފުލުހުން ވެރިންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
އަންހެން ފުޓްބޯޅަ މުބާރާތުގައި ޕޮލިހުންނަށް ނުކުޅެވޭތީ ކްލަބްތަކަށް ގޮންޖެހުންތަކެއް އަންހެން ފުޓްބޯޅަ މުބާރާތުގައި ޕޮލިހުންނަށް ނުކުޅެވޭތީ ކްލަބްތަކަށް ގޮންޖެހުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ