އެމްބާޕޭގެ ލަނޑު ގޯންޏާއެކު ރެއާލް މެޑްރިޑް ފަސްވަނައަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެމްބާޕޭގެ ހަތަރު ގޯލާއެކު އޮލިމްޕިއާކޯސް ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ. ގްރީސްގެ އޮލިމްޕިއާކޯސް ކުޅުނު މި މެޗު ރެއާލް މެޑްރިޑު ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 3-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑުނެގީ ސަޕޯޓަރުންގެ ކުރިމަތީގައި އޮލިމްޕިއާކޯސް އެވެ. މި ލަނޑު އަށްވަނަ މިނިޓުގައި ކާމިޔާބުކޮށްފައިވަނީ ޗިކީނިއޯ އެވެ. ނަމަވެސް މި ލަނޑުޖެހިތާ 14 މިނިޓުފަހުން އެމްބާޕޭ ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެއަށްފަހު އެމްބާޕޭ ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ހެޓްރިކެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިމްޕިއާކޯސްގެ އިރާން މިޑްފީލްޑަރ މަހްދީ ތަރޭމީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ރެއާލުގެ ހަތަރުވަނަ ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި އެމްބާޕޭ ކާމިޔާބުކޮށްފައިވަނީ ވިނިޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. އޮލިމްޕިއާކޯސްގެ ތިންވަނަ ލަނޑު ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާޏް ނުވަ މިނިޓަށްވެފައި ވަނިކޮށެވެ. މި ނަތީޖާއާއިއެކު ރެއާލް މެޑްރިޑަށް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމަށް ޖެހިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ