ޒަކާތު ފަންޑުން އިންވެސްޓުކުރުމާ އެކު އެ ފައިސާ އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް ހަދައިފި

ޒަކާތު ފަންޑުން އިންވެސްޓުކުރެވޭ ގޮތް ހަދައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބަލަހައްޓާ ގޮތަށް އެކުލަވާލި ޒަކާތު ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޒަކާތުގެ ގާނޫނުގެ ނަމުގައި މިދިޔަ އޮގަސްޓު މަހު ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ހުސެއިން ވަހީދެެވެ. މި ބިލު ރައީސް މިއަދު ތަސްދީގުކުރެެއްވުމާ އެކު، މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
ތަފްސީލް - ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓައި އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް އަދި އެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެނމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް 'ޒަކާތު ފަންޑު'ގެ ނަމުގައި ފަންޑެއް އުފައްދާނެ އެވެ.
ގާނޫނުގައިވާ ގޮތުން މި ފަންޑު ބަލަހައްޓާނީ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، އެމްއެމްއޭއިންނެވެ. މި ފަންޑު ބަހައްޓަން ޖެހޭނީ، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، އެމްއެމްއޭގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގަ އެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ ވެސް އެމްއެމްއޭ އެވެ.
މި ގާނޫނުގެ ދަށުން އާ ޒަކާތު ފަންޑު އުފެއްދުމާ އެކު، މިހާރު ހިންގަމުން އަންނަ ޒަކާތު ފަންޑުގައިވާ ހުރިހާ ފައިސާއެއް އެމްއެމްއޭގެ ބެލުމުގެ ދަށުގައި ގާއިމުކުރާ ފަންޑަށް ބަދަލުވާނެ އެވެ.
އަލަށް އަމަލުކުރަން ފަށާ ޒަކާތު ގާނޫނުގައިވާ ގޮތުން، މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ ޒަކާތު ފަންޑަށް ލިބޭ ފައިސާއިން ފުއްދުންތެރިކަން އިތުރުކޮށް، އެ ފައިސާއިން އިތުުރު މަންފާ ހޯދުމަށް ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންވެސްޓުކުރެވޭނެ ގޮތް ހެދުމެވެ.
އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގެ ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ  ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ކަންކަން ބަޔާންކޮށްފައިވެ އެވެ.
ގާނޫނުގައިވާ ގޮތުން:
ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ތެރޭ ޒަކާތު ކައުންސިލެއް އުފައްދަން ޖެހޭ
ޒަކާތުގެ ނިޒާމު ހިންގުމާ ގުޅޭ ކަންކަމުގައި ޝަރުއީ ލަފާ އާއި އިރުޝާދު ދިނުމަށް ފަސް މެންބަރުންގެ މައްޗަށް ހިމެނޭ 'ޝަރުއީ އެޑްވައިޒަރީ ކޮމިޓީ'އެއް އެކުލަވާލަންޖެހޭ 
ޒަކާތް ނެގުމާއި ބެހުމާއި އަދި އިންވެސްޓުކުރުމުގެ އެއްވެސް ކަމެއްގައި ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، 1000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ 
ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތު ފައިސާ ހޯދުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ