އާދަމް އާޒިމަށް ތާއިދުކުރާ އެމްޑީޕީ މެންބަރުން: ''ބޭނުމީ ކަންކަންކޮށްފައި ދައްކާ، ނަޒާހަތްތެރި މޭޔަރެއް''
މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުކުރަން ބޭނުމީ ކަންކަންކޮށްފައި ދައްކާ، ނަޒާހަތްތެރި މީހަކު ކަމަށް، ދެވަނަ ދައުރަކަށް ވާދަކުރައްވާ އާދަމް އާޒިމަށް ތާއިދުކުރާ އެމްޑީޕީ މެންބަރުން ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން، މިހާރުގެ މޭޔަރު އާދަމް އާޒިމާއި އަލީ އާޒިމް ވަނީ ކުރިމަތިލައްވައިފައެވެ. އެގޮތުން، ދެ ބޭފުޅުން ކެމްޕެއިން ކުރައްވަމުން އަންނައިރު، 'ދެން ވެސް އާދަމް އާޒިމް'ގެ ނަމުގައި ރޭ ވަނީ ހަރުގެ ޖަލްސާއެއްް ބާއްވާފައެވެ. އެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ، އާޒިމަކީ ވަގުންނާ ދެކޮޅަށް ފިޔަވަޅު އަޅައި، ކޮރަޕްޝަން ހުއްޓުވާނެ ބޭފުޅެއް ކަމަށެވެ. އަދި، އާޒިމް ކުރިއަށްދާނީ، ރައްޔިތުންގެ މަސައްކަތައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މާޒް ސަލީމް --- ސަން ފޮޓޯ/ އަފްވާން ސޮލާހު މޭޔަރަކަށް ބޭނުންވަނީ، ޕޯޑިއަމަށް އަރައި، މޮޅު ވާހަކަ ދައްކާ މީހެއް ނޫން ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ، ކަންކޮށްފައި ރައްޔިތުންނަށް ދައްކާ މޭޔަރެއް،" މާޒް ވިދާޅުވިއެވެ. މާޒް ވިދާޅުވި ގޮތުގައި، 2028ގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މޭޔަރަކަށް އާދަމް އާޒިމް ހޮވަން ޖެހެއެވެ. އަދި، ހާލުގައި ޖެހުނީމަ ދޫކޮށްފައިދާ މީހަކު މަގާމަކަށް އިންތިޚާބު ކުރަން ނުވާނެ ކަމަށް ވިދާޅުވެ، އެކަމާ ވިސްނުމަށް މާޒް ވަނީ އެމްޑީޕީ މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ. މި ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވެސް ވަނީ އާޒިމަށް ތާއިދުކުރައްވައި، ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މޭޔަރަކަށް ބޭނުންވަނީ ތައުލީމީ، ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އާޒިމްގެ ނަންފުޅެއް ނޯންނާނެ ކަމަށެވެ. https://sun.mv/214901 ޑީޑީ ވަނީ، އޭނާއަށް ކުރައްވާ އިތުބާރު އާޒިމަށް ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި، އާޒިމް ނަތީޖާ ނެރެދެއްވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ، ދޮޅު އަހަރު ތެރޭގައި ވެސް ނަތީޖާ ނެރެދެއްވައިފި ކަމަށް ވިދާޅުވެފައެވެ. ރޭ ބޭއްވި ޖަލްސާގައި އާދަމް އާޒިމަށް ތާއިދުކުރާ އެމްޑީޕީ މެންބަރުންތަކެއް ---- "އާދަމް އާޒިމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ވަރުގެ ކެންޑިޑޭޓެކޭ. އަޅުގަނޑުމެންގެ މި ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަޅުގަނޑުމެން މި ބޭނުންވާ ސިފަތައް ހުރި ކެންޑިޑޭޓަކީ ހަމައެކަނި އާދަމް އާޒިމް،" ޑީޑީ ވިދާޅުވިއެވެ. ޕާޓީ ރޫޅާލާނެ ޓީމެއްގައި އާދަމް އާޒިމް ނޫޅުއްވާނެ ކަމަށާއި ބައި އިލެކްޝަންގެ ކެމްޕެއިންގައި އާދަމް އާޒިމަށް ތާއިދުކުރެއްވީ ވަރަށް ބަލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. https://sun.mv/214904 މި ޖަލްސާގައި، އެމްޑީޕީ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ހުސައިން އިސްމާއިލް ވިދާޅުވީ، އެ ޕާޓީގެ ސަރުކާރުގައި އިޚުލާސްތެރިކަމާއެކީ އެންމެ ގަދައަށް މަސައްކަތްކުރެއްވި މެނޭޖިން ޑިރެކްޓަރަކީ، އެމްޑަބްލިޔުއެސްސީގައި އެ މަގާމު ފުރުއްވި އާދަމް އާޒިމް ކަމަށެވެ. މިހާތަނަށް އެ ކައުންސިލް އޮޑިޓު ކުރަން ކެރިވަޑައިގަތް ހަމައެކަނި މޭޔަރަކީ ވެސް އާޒިމް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ޖަލްސާގައި ޑީޑީ ވާހަކަދައްކަވަނީ --- ހަމައެހެންމެ، އެމްޑީޕީ ޓިކެޓުގައި މޭޔަރަކު އިންތިޚާބު ކުރާއިރު، އެއީ އެ ޕާޓީގެ މޭޔަރަކަށް ވާވަރުގެ ކެންޑިޑޭޓަކަށް ހަދަން ޖެހޭ ކަމަށް ހުސައިން އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން، އާދަމް އާޒިމާއި އަލީ އާޒިމްގެ މަސައްކަތް ފެނިފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. "ފަނަރަ އަހަރު ދުވަހު މަޖިލީހުގައި [އަލީ އާޒިމް] އިންނެވިއިރު ހުށަހެޅުނު އެންމެ ބިލެއް ވެސް ނެތް. މޭޔަރު އެކަނި ހުންނަވައިގެން ދެ އަހަރު ދުވަހު ތެރޭގައި ކުރެއްވި ކަންތައް މި އޮތީ ފެންނަން،" އޭނާ ވިދާޅުވިއެވެ. މޭޔަރަކަށް އާދަމް އާޒިމް ހޮވަން ޖެހޭ ދެވަނަ ސަބަބަކަށް އޭނާ ފާހަގަކުރެއްވީ، ހާލުގައި ޖެހުނު ދުވަހު އެ ޕާޓީގައި ހުރީ އާދަމް އާޒިމް ކަމަށްވާތީ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގާތްވެފައި ވަނިކޮށް، ޕާޓީ ދެ ފަޅިވީއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ދަ ޑިމޮކްރެޓްސްއަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އަލީ އާޒިމް ހިމެނުނު ކަމަށްވާތީއެވެ. ކައުންސިލް އިންތިޚާބު އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވާއިރު، އެމްޑީޕީގެ ޕްރައިމަރީއަށް އަންނަނީ ފޯރިގަދަ ކުރަމުންނެވެ. މާލޭ ސިޓީ މޭޔަރުގެ ޕްރައިމަރީއަށް، ނަޝީދު ތާއިދު ކުރައްވަނީ އަލީ އާޒިމަށް ކަމަށްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ތާއިދުކުރައްވަނީ އާދަމް އާޒިމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ