މިހާރު ވެސް ދަރިވަރުން ތިބެނީ ނިވާވެގެން؛ ޔުނީފޯމު އަޅާ ގޮތް ބަދަލުކުރުމަކީ ބޭކާރު ހަރަދެއް: ނަޝީދު

ސްކޫލުތަކުގެ ދަރިވަރުން މިހާރު ވެސް ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށާއި ޔުނީފޯމު އަޅާ ގޮތް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޔުނީފޯމު އެއްކުލަ ތަކެއްގައި، އެއްގޮތަކަށް އަޅާ ގޮތަށް ހަމަޖައްސައި އާ އުސޫލެއް ހުރިހާ ސްކޫލުތަކަށް މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފަ އެވެ.
އާ އުސޫލުގައި ގެނެސްފައިވާ މައިގަނޑު ބަދަލަކީ، ގްރޭޑް 4 އިން މަތީގެ އަންހެން ދަރިވަރުން ހަރުވާޅުލާން ޖެހޭ ގޮތަށް ހެދުމެވެ. ސްކޫލުތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ފަހު ހަމަޖެއްސި މި އުސޫލަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރު އެވެ.
ބުނީ ކީކޭ؟ - ނަޝީދު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި 90،000އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނައިރު، ޔުނީފޯމަށް މިހާރު ގެނެސްފައިވާ ބަދަލާ އެއްގޮތަށް އެކަން ކުރާ ނަމަ، ކޮންމެ ދަރިވަރެއްގެ ޔުނީފޯމަށް ބެލެނިވެރިންގެ އަތުން 900ރ. ހަރަދުވާނެ ކަމަށެވެ.
"ބެލެނިވެރިން އަތުން ޖުމްލަ 80 މިލިއަނަށް ވުރެ ގިނައިން ނަގައި އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން. ޔުނީފޯމު ބަދަލު ކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް. މިހާރު ވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާ ވެގެން،" ނަޝީދުގެ ޕޯސްޓުގައިވެ އެވެ.
ނަޝީދުގެ މި ޕޯސްޓުގައި ވަރަށް ކުރީގެ އަހަރުތަކުގައި އަންހެން ދަރިވަރުން ޔުނީފޯމު އަޅާ އުޅުނު ގޮތް ދައްކުވައިދޭ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައިވެ އެެވެ. އެ ފޮޓޯއިން ފެންނަ ދަރިވަރުން ތިބެނީ ޔުނީފޯމުގެ ދަށުން ހަރުވާޅު ނުލާ ސްކާޓް ލައިގެންނެވެ.
އެނގުން މުހިންމު - އާ އުސޫލުގައިވާ ގޮތުން، ހުރިހާ ދަރިވަރުންގެ ވެސް ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑު ނޫ ނުވަތަ ޓީލް ފެހި ކުލަ އެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫކުލައިގަ އެވެ.
ބުރުގާ އަޅާ ދަރިވަރުންގެ ބުރުގާގެ ކުލައިގައި ދެ އިހްތިޔާރެއް ވަނީ ދީފަ އެވެ. އެއީ ޔުނިފޯމާ އެއްކުލައެއްގެ އެކަމަކު އެއަށް ވުރެ ގަދަ ކުލައެއްގެ ބުރުގާ އެޅުން ނޫނީ ނޭވީ ބްލޫ އާއި ރޯޔަލް ގްރީން ގަދަ ރަތް އަދި ހުދު ކުލައިގެ ބުރުގާއެއް އެޅުމެވެ. އަޅާނެ ކުލައެއް ހަމަޖައްސާނީ ކުރާނީ ސްކޫލުންނެވެ.
އަންހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު:
ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެ؛ އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓޭނެ
ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހްތިޔާރު އޮވޭ؛ ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނައިރު އޭގެ ދަށުން ލަނީ ހަރުވާޅު
ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީއެއް ނުކުރެވޭނެ
ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވިފައި އެއަށް ވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށް
ފައުންޑޭޝަން ސްޓޭޖް ނުވަތަ ޔޫކޭޖީ-އެލްކޭޖީގެ ދަރިވަރުންނާއި ގްރޭޑް 1 އިން 3އަށް ހިމެނޭ ގޮތަށް، ކީ ސްޓޭޖް 1ގެ ދަރިވަރުންގެ ޔުނީފޯމު ވެސް ހުންނަނީ ހަމަ މިގޮތަށެވެ. އެކަމަކު އެ ކުދިންނަށް ހަރުވާޅުލުމާއި ނުލުމުގެ އިހްތިޔާރު އޮންނަނީ ދީފަ އެވެ.
ފިރިހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު:
ކީ ސްޓޭޖް 3-5ގެ ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ޓައީ އެޅުން އޮތީ ސްކޫލަށް ދޫކޮށްލާފައި
އެކަމަކު އެއަށް ވުރެ މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމް 
ކީ ސްޓޭޖް 2ގެ ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭ
ޔުނީފޯމުގެ ގަމީހުގެ އަތް ދިގުކޮށް އަދި ކުރުކޮށް ބެހެއްޓުމުގެ އިހްތިޔާރު ދެ ބަޔަށް ވެސް އޮވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ