ބާސެލޯނާ (ޑިސެމްބަރު 6) - ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ރަފީނިއާ، ބާސެލޯނާ ދޫކޮށްލަން ނިންމައި، އެ ކަން އެ ކްލަބްގެ މެނޭޖްމަންޓާ ވެސް ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ފްރާންސްގެ ރެން އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑަށް ކުޅެފައިވާ، ރަފީނިއާ، 28، ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި ރަފީނިއާ އަކީ މިދިޔަ ސީޒަނަށް ބަލާއިރު، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހައްގުވާ ކުޅުންތެރިޔާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ކަޓަލޫނިއާ ރޭޑިއޯ އިން ރިޕޯޓްކުރާ ގޮތުގައި، ރަފީނިއާ ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމާފައިވާ ނިންމުން، ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ އަށް އަންގައިފަ އެެވެ. އެއީ، މި ސީޒަން ނިމުމުން ރަނގަޅު އޮފާއެއް ލިބިއްޖެނަމަ، އޭނާ ދޫކޮށްލުމަށެވެ. އެ ގޮތުން، މި ވަގުތު ރަފީނިއާ އަށް އެންމެ ރަނގަޅު އޮފާތައް ކުރަމުން އަންނަނީ ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކުންނެވެ.
އެ ގޮތުން، އަންނަ އަހަރު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު، ރަފީނިއާ ވަނީ ސައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވުމަށް ނިންމާފައި ކަމަށް ބްރެޒިލްގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ ތިން އަހަރު ކުރިން، ލީޑްސް ދޫކޮށް ރަފީނިއާ ބާސެލޯނާ އަށް ބަދަލުވި ޑީލުގެ އަގު 60 މިލިއަން ޑޮލަރަށް އަރަ އެވެ. ބާސެލޯނާ އަށް ކުޅެދިން 155 މެޗުން ރަފީނިއާ ވަނީ 58 ލަނޑު ޖަހައި، 54 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރަފީނިއާ، ބާސެލޯނާ ދޫކޮށްލަން ނިންމަނީ: ރިޕޯޓް ރަފީނިއާ، ބާސެލޯނާ ދޫކޮށްލަން ނިންމަނީ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ