ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ދައުލަތުން ދެމުންދާ އިނާޔަތްތަކަށް ކަނޑާލުމަށްފަހު، ކުރީގެ ނައިބު ރައީސުންނަށް ދައުލަތުގެ ފަރާތުން އިނާޔަތް ދިނުމުގެ ގޮތުން މަހަކު 30،000 ރުފިޔާ ދޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދިގު ކުރައްވައިފިއެވެ.
މިއީ 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ.
ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ޚަރަދު އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެ މީހަކު ދެވަނަ ދައުރަކަށް އިންތިހާބުވުމާއި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގެ ތެރޭގައި އިނާޔަތް ލިބުން މެދުކެނޑޭނެ ކަމަށް ވަނީ ކަނޑައަޅާ ބަޔާންކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި، އެ މީހަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ( ތިރީސް ހާސް ) ރުފިޔާ އާއި ދައުލަތުގެ ހަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ މީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލާ، ނައިބުންނަށް 30،000ރ. ލިބޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ