ދަރިވަރުން ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން، ޔުނިފޯމް ބަދަލުކުރުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ދިވެހި ދަރިވަރުން މިހާރު ވެސް ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށާއި ޔުނިފޯމް ބަދަލުކުރުމަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ 2027 ވަނަ އަހަރުން ފެށިގެން، ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލުގެންނަކަން އިއުލާންކޮށް، އުސޫލު އާންމުކޮށްފައެވެ. އެ އުސޫލުގެ ދަށުން ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި، ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމާއި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ، ހަރުވާޅުލާން ޖެހުން ހިމެނެއެވެ. އެ އުސޫލާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ މެދުގައި ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. އެ އުސޫލަށް ނަޝީދު ވެސް ފާޑުވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 90،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ޔުނީފޯމަށް އެންމެ މަދުވެގެން ވެސް 900 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ބެލެނިވެރިން އަތުން ޖުމުލަ 80 މިލިއަނަށްވުރެ ގިނައިން ނަގާ، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން," ނަޝީދު ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ޔުނީފޯމް ބަދަލުކުރުމަކީ ޚަރަދު ބޮޑު، ބޭކާރު ކަމެކެވެ. އަދި މިހާރުވެސް ދަރިވަރުން ތިބެނީ އެކަށީގެންވާ މިންވަރަށް ނިވާގެން ކަމަށް ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1997241020627452062 އެޑިއުކޭޝަން މިނިސްޓްރީގެ އައު އުސޫލުގައިވާ ގޮތުން، އަންހެން ދަރިވަރުންނަށް ޔުނީފޯމާ އެކީ ސްކާޓު އެކަނި ލެވޭނީ، ބޭބީ ނާސަރީން ފެށިގެން ތިންވަނަ ގުރޭޑާ ހަމައަށެވެ. އަންހެން ކުދިންގެ ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނަން ޖެހޭއިރު، ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީ ނުކުރާ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ. އަދި، ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ބުޑަށްވުރެ ދެ އިންޗިއާއި ހަތަރު އިންޗިއާ ދެމެދުގެ މިންވަރަކަށް ދިގުކޮށް ކަމަށް ވެސް އާ އުސޫލުގައި ބުނެފައިވެއެވެ. ގްރޭޑް ހަތަރަކުން މަތީގެ ކުދިންގެ ޔުނިފޯމް ހުންނަން ޖެހޭ ގޮތް -- އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނީފޯމްގެ ކުލައަށް ވެސް ބަދަލުތައް ގެނެސްފައެވެ. އެ މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލަ އާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. އެ ބަދަލާއެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓް ކަމަށް މިނިސްޓްރީން ބުންޏެވެ. https://sun.mv/214858 އެ އުސޫލުގައި ބުނެފައިވަނީ ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި(ގަމީސްޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުން ފަސޭހަވާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ