އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ 175،000 ރުފިޔާ ކަނޑާލައިފި
އޮފީސް ހިންގުމަށް ކުރީގެ ރައީސުންނަށް ދޭ 175،000 ރުފިޔާ ކަނޑާލާ ބިލު، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.ސަރުކާރުން ހުށަހެޅި މި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ.އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހުރިހާ ހަރަދެއް ނިމުމަކަށް އައީ އެވެ.އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވާތީ މިހާތަނަށް އައީ އެ ހުރިހާ ކަމެއް ދައުލަތުގެ ބަޖެޓުން ކޮށްދެމުންނެވެ.މީގެ އިތުރުން، ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.އެކަމަކު، ރިޔާސީ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅަކަށް މި ވަގުތު ހުންނެވީ އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމް އެވެ. ކުރީގެ ނައިބު ރައީސުންގެ އިނާޔަތުގެ ޝަރުތު ހަމަވަނީ ފައިސަލަށް އެކަނި ކަމަށް ވާތީ އެ މަނިކުފާނަށް ދައުލަތުން ދެން އިނާޔަތް ދޭން ޖެހޭނެ އެވެ.ކުރީގެ ރައީސުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދު އަމަލު ކުރަން ފެށުމާ އެކު، ކުރީގެ ނައިބު ރައީސަކު ވެސް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ނައިބު ރައީސުންގެ އިނާޔަތް މަހުރޫމް ވާނެ އެވެ. އަދި ކުރީގެ ނައިބު ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަން ފައްޓަވައިފި ނަމަ އެ މުއްދަތަށް ދިވެހި ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ވެސް ދިނުން މިއަދުން ފެށިގެން ލާޒިމެއް ނުވާނެ އެވެ.ރައީސް ނުވަތަ ނައިބު ރައީސް މަގާމުގައި ހުންނެވިއިރު، ޖިނާއީ ކުށެއް ކުރި ކަން ސާބިތުވާ ވަގުތުން ފެށިގެން އެ ބޭފުޅުންގެ އަނބިކަލުން ނުވަތަ ފިރިކަލުންނަށް ވެސް ކުރީގެ ރައީސުންގެ ގާނޫނުގެ ދަށުން ދޭ ހުރިހާ އިނާޔަތަކާއި ރައްކާތެރިކަން ވެސް މިއަދުން ފެށިގެން ހުއްޓާލާނެ އެވެ.ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސެޕްޓެންބަރު 10 ގައެވެ. އެ މަނިކުފާނު އެ ދުވަހު ވަނީ ކުރީގެ މަޖިލީސް މެންބަރުންނަށް ދެމުން އަންނަ ބައެއް އިނާޔަތްތައް ކަނޑާލަން ވެސް ނިންމި ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ