ޑްރަގު މައްސަލަތަކުގައި މަރުގެ އަދަބުދީ، މަރުވަންދެން ޖަލުގައި ބަންދުކުރެވޭ ބިލު ތަސްދީގުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގުވާ ނަމަ މަރުގެ އަދަބު ދެވޭ ގޮތަށާއި އެ ނޫން ހާލަތްތަކުގައި އެ މީހަކު މަރުވަންދެން ޖަލުގައި ބަންދުކުރެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރު ޑިސެމްބަރުގައި ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު ހުށަހެޅުއްވި މި ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީން، އަހަރު ދުވަހަށް ދިގު ދެންމުމަށް ފަހު ބިލު ތަޅުމަށް ހުށަހެޅީ ބޮޑެތި ބަދަލުތަކާ އެކު އެވެ.
މަޖިލީހުން މިދިޔަ ބުދަ ދުވަހު މި ބިލު ފާސްކުރީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި ނަމަ، އެ މީހެއްގެ އުމުރުގެ ބާކީ އޮތް މުއްދަތަށް ޖަލު ބަންދުގައި ހުންނަން ޖެހޭ ގޮތަށެވެ. މި އަދަަބަކީ މައާފް ދެވޭނެ ނުވަތަ ލުއި ދެވޭނެ އަދަބެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އުމުރު ދުވަހުގެ ހުކުމް މީގެ ކުރިން އޮތީ 25 އަހަރުގެ ގޮތުގަ އެވެ. 
ތަފްސީލު - މި ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ އެކު، ގާނޫނުގައިވާ ގޮތުން ތިން މަސް ފަހުން މި ބިލަށް އަމަލުކުރަންޖެހޭނެ އެވެ. 
އަލަށް އަމަލުކުރަން ފަށާ އިސްލާހުތަކުގައިވާ ގޮތުން:
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ މީހެއް ޕެރޯލްގެ ދަށުން ދޫކުރުމާއި މައާފު ދިނުމެއް ނޯންނާނެ؛ މި އަދަބު ލިބޭ މީހެއްގެ އަދަބަށް ލުޔެއް ނުދެވޭނެ އަދި އެފަދަ މީހަކާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ނުހެދޭނެ
މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭނީ، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާ ފަނޑިޔާރުންގެ އިއްތިފާގުން މަރުގެ އަދަބު ދޭން ހުކުމް ކުރާ ހާލަތުގައި
އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކަށާއި މައްސަލައިގެ ކަން ހިނގާފައިވާ ގޮތް ސުޕްރީމް ކޯޓުން އަލުން ބަލަން ވާނެ
އެންމެ ފަނޑިޔާރަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދާ ނަމަ، އެ މީހަކަށް ލިބޭނީ ގާނޫނުގައި ވެސް މިިހާރު އޮންނަ އަދަބު؛ އެއީ އުމުރަށް ޖަލަށްލުމާ އެކު، 1 ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން
މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ބޭރުކުރަން އުޅުން އަދި އެކަމުގައި އެހީތެރިވެދީ އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ އަންނަ އަދަބު 20 އަހަރު ބޮޑުކޮށްފައިވޭ؛ އެއާ އެކު، 7،500ރ. އާއި 75,000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
މަރުގެ އަދަބު ދޭ މައްސަލަތަކުގައި 'އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 'އެ މީހަކު ރާއްޖެއަށް އެތެރެވިއިރު އެތެރެ ކުރި އެއްޗަކަށްވުން' ލާޒިމް އެވެ. އެފަދަ ތަކެތީގެ ތެރޭގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މުޖުތަމައުން އާންމުކޮށް ފެންނަ އެކި ބާވަތްތަކުގެ ޑްރަގު ހިމެނެ އެވެ.
މަރުގެ އަދަބު ދެނީ ތިން ހާލަތަކަށް ފެތެރޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ. އެއީ:
1-350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން
2-250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން
ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައި ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ އިތުރު އަދަދަކަވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ