މޫސުން އިތުރަށް ގޯސް ވެދާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ގަދައަށް ވައިޖެހި، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން އިލްތިމާސްކޮށްފިއެވެ.
އެއޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެކުނުގެ ގިނަ އަތޮޅުތަކަކަށް މިއަދާއި މާދަމާ ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ގަދައަށް ވައި ޖެހޭނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން، ފެން ބޮޑުވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން ފެން ބޮޑުވެދާނެ ކަމަށް ކުރިއާލާ ތައްޔާރުވުމާއި ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާތައް ޖެހުމާއި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް މުދާ ބަދަލު ކުރުމާއި ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އޮތޯރިޓީގެ ބަޔާނުގައި އެދިފައިވެއެވެ.
މީގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރާ ނަމަ، އެފަދަ ސާމާނު ނިވާލާފައި ބެހެއްޓުމަށާއި، ބޭނުން ނުކުރާ ކަރަންޓު ބޯޑުތަށް ނިއްވާލުމަށާއި، ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމުގެ އިތުރުން ދަތުރުކުރާ ނަމަ، މުވާސަލާތީ ކަންކަން ފުރިހަމަތޯ ޔަގީން ކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ. އަދި ލިބޭ ގެއްލުންތަކުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ