ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ބާ ޒޯނުގެ ފައިނަލް މެޗުގައި މިއަދު ހަވީރު އަނަންތަރާ އާއި ފިނޮޅު ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަަމަ ފަހަރަށް ފިނޮޅުން ހޯދައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަނަންތަރާ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ ޖުނައިދު އެވެ.
ފިނޮޅުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 10 މިނެޓުގައި އެޓީމުގެ އިސްމާއިލް އުމަރު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމުގެ އިބްރާހިމް ނާފިޒު ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
Advertisement
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނަންތަރާގެ ރަޝާދު އަބްދުލް މަތީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެޓީމަށް އެއްވަރުކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފިނޮޅުން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ފަޔާޒުއެވެ. އަދި މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް އެޓީމުގެ އާދަމް އިމްޖާދު ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި އަނަންތަރާ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަޝާދު އަބްދުލް މަތީން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ ނަތީޖާއަކުން ފިނޮޅު ކުރީގައި އޮވެގެންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ފިނޮޅުގެ އިސްމާއިލް އުމަރު އެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމަށް ވަނީ ދެ ކުޅުންތެރިއަކު ހޮވިފައެވެ. އެއީ އަނަންތަރާގެ ރަޝާދު އަބްދުލް މަތީން އާއި ފިނޮޅުގެ އިސްމާއިލް އުމަރު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުހައްމަދު ތިހާމް (ފިނޮޅު), އަލީ ޖުނައިދު (އަނަންތަރާ), އިބްރާހިމް ނާފިޒު (ފިނޮޅު), ރަޝާދު އަބްދުލް މަތީން (އަނަންތަރާ) ގެ އިތުރުން އައްސަދު މޫސާ (ފިނޮޅު) އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަށް މުޚްތަރު ނަސީރު (ފިނޮޅު) ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިނޮޅުގެ އިސްމާއިލް އުމަރު އެވެ.
އަނަންތަރާ ބަލިކޮށް ފިނޮޅު ޗެންޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއިލް އުމަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ