އާބާދީގެ ސިއްޙީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި "މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ" ކުރުމަށް ނިންމާފައިވާކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
"މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ (މިކްސް)" އަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި، އަބާދީގެ ޞިއްޙީ ހާލަތާއި ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމު ހިމެނޭހެން 100 އަށްވުރެ ގިނަ މިންގަނޑުތަކަށް މައުލޫމާތު އެއްކުރެވޭނެ ދިރާސާއެކެވެ. މި ދިރާސާއަކީ ޔުނިސެފްގެ އެހީއާއެކު އެކި ޤައުމުތަކުގައި ކުރާ ދިރާސާއެކެވެ. މި ދިރާސާގެ މުހިއްމު އެއް ބޭނުމަކީ ރާއްޖޭގެ ދުރުރާސްތާ ޕްލޭންއާއި ސިޔާސަތުތަކަށް ބޭނުންވާ މައުލޫމާތާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު ބެލެހެއްޓުމަށް ބޭނުންވާ ތަފާސްހިސާބުތައް އަދާހަމަކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ ވަރަށް އަވަހަށް މި ސަރވޭ ކުރިއަށްގެންދާނެކަމަށެވެ. މިސަރވޭގެ ތެރޭގައި ނަފްސާނީ ސިއްޙަތާއި ބެހޭ މަޢުލޫމާތު އެއްކުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގައި އަދި ނޭޝައިން ވައިޑްކޮށް ދިރާސާއެއް ހެދިފައެއް ނެތް. އުންމީދު ކުރަނީ ސަރުކާރުގެ ތެރެއިން ވަރަށް އަވަހަށް މިކްސް ސަރވޭ ކިޔާ ސަރވޭއެއް ކުރިއަށް ގެންދާނެ." ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގައި މިކްސް ސާރވޭ ހަދާފައިވަނީ 1996 އަދި 2001 ގައެވެ. އެންމެ ފަހުން ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ކުރެވުނު އެންމެ ބޮޑު ސިއްޙީ ދިރާސާއަކީ "ޑިމޮގްރަފިކް ހެލްތު ސާރވޭ"އެވެ. އަދި މި ދިރާސާ ކޮށްފައިވަނީ 2016-2017ގައެވެ.
މި ފަދަ ދިރާސާތަކަކީ ޤައުމުތަކުގައި ކޮންމެ 5 އަހަރަކުން ކުރާ ދިރާސާތަކެކެވެ. 2022 އިން 2024 އަށް ޑިމޮގްރަފިކް ހެލްތު ސާރވޭ ހެދުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ސިއްޙީ ވުޒާރާއިން މަސައްކަތް ކުރިނަމަވެސް ބަޖެޓް ހޯދުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރު ބައިނަލްއަޤްވާމީ "ޑިމޮގްރަފިކް ހެލްތު ސާރވޭ" ޕްރޮގްރާމްވަނީ ހުއްޓުމަކަށް އައިސްފައެވެ.
އެހެންކަމުން ރާއްޖޭގެ ސިއްޙީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް ދެނެގަތުމަކީ މުހިއްމު ކަމަކަށް ވާތީ މިއަހަރު ރާއްޖޭގައި "މިކްސް ސާރވޭ" ހެދުމަށް ވަނީ ނިންމާފައެވެ. ސިއްޙީ ވުޒާރާއިން ވިދާޅުވީ މިފަހަރު "މިކްސް ސާރވޭ"ގައި މެންޓަލް ހެލްތު އަދި ބޯ ފެނުގެ ކޮލިޓީ ޓެސްޓުކުރުން ފަދަ ބައިތައް ހިމެނުމަށް ރާވާފައިވާކަމަށެވެ. އަދި މި ސާރވޭގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިސްނަގައިގެން ހަދާ "މައިކްރޮނުއިޓްރިއެންޓް ސާރވޭ"ގެ ބައިތައް ހިމެނުމަށް ފަހު، އެއް ސާރވޭއެއް ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
"މިކްސް ސާރވޭ"ގެ މަސައްކަތް ކުރުމަށް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން 10,000,000 ރުފިޔާ ސިއްހީ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން "މައިކްރޮނިއުޓްރިއެންޓް ސާރވޭ" އަށް "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ތެރެއިން 5،000،000 ރުފިޔާވެސް ކަނޑައަޅާފައިވާކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.
އާބާދީގެ ސިއްޙީ ހާލަތު ދެނެގަތުމަށް "މިކްސް" ސަރވޭއެއް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ