މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރީ-ރަޖިސްޓާ ކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީގެ މައްސަަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓެއް ނުލައްވަ އެވެ. ޖަލުގައި ތިބޭ މީހުން ވޯޓުލުމަށް މާފުށީ ޖަލުގައި ވޯޓު ފޮށްޓެއް ބެހެއްޓި ނަމަވެސް އެ ފޮއްޓަށް އެމަނިކުފާނު ރީ-ރަޖިސްޓްރީއެއް ނުކުރެއްވި އެވެ.
ގައުމީ ދުވަހުގެ ހެޔޮ ހެދުންތައް ޔާމީންގެ ފަރާތްޕުޅުން ފޮނުއްވައި، ޔާމީންގެ ވަކީލުންގެ ޓީމުގެ އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް މިއަދު ކުރެއްވި ޓުވީޓުގައިވަނީ އިންތިޒާމުތައް ހަމަނުޖެހުމުން ފުރަތަމަ ބުރުގައި ޔާމީން ވޯޓު ނުލެއްވުނު ނަމަވެސް ދެވަނަ ބުރުގައި ވޯޓުލެއްވުމަށް ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް މިހާރު އެމަނިކުފާނު ފުރިހަމަ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމުވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ކެންޑިޑެސީ ބާތިލުވީއެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުންވެސް ވަނީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފައެވެ. އެއާއެކު، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއް ބަންދުވުމުން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ނެރުނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީވެސް މުއިއްޒެވެ. އެގޮތުން މުއިއްޒު 101,494 ވޯޓު ހޯއްދެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.
ދެވަނަ ބުރުގައި ވޯޓުލެއްވުމަށް ޔާމީން ރީ-ރަޖިސްޓާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ