ނަޝީދާ ބައްދަލުކުރައްވަން ޔާމީން ދެކޮޅު ހައްދަވައިފި

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް، ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހެއްދެވުމުން، ބައްދަލުކުރައްވަން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ކަރެކްޝަނުން އަނބުރާ ފޮނުވާލައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ކާނިވަލު ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި އިއްޔެ ޑިމޮކްރެޓްސް އިން ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ، ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭގޮތުން ޔާމީންއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާތީ މާފުށީ ޖަލަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ހުށަަހަޅުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ކަމަށް އެދި ހޯމް މިނިސްޓްރީއަށް މަޖިލީހުގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ހޯމް މިނިސްޓްރީން އެ ހުށަހެޅުން ކަރެކްޝަނަށް ފޮނުވާފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނަމަވެސް، ނަޝީދާ ބައްދަލުކުރެއްވުމަށް ޔާމީން އިންކާރު ކުރެއްވުމުން އެކަމަށް ފުރުސަތު ދެވެން ނެތްކަން މިހާރު ނަޝީދަށް ވަނީ ކަރެކްޝަނުން އަންގާފަ އެވެ.
ތަފްސީލް - މިކަން ކަރެކްޝަނުން 'ދައުރު'އަށް ވަނީ ޔަގީންކޮށްދީފަ އެވެ. ކަރެކްޝަނުން ބުނީ ބައްދަލުކުރެއްވުމަށް ޔާމީން އިއުތިރާޒު ކުރެއްވުމުން އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރު އަންގާފައިވާ ކަމަށެވެ.
އެނގުން މުހިންމު - ޑިމޮކްރެޓްސްގެ ފަރާތުން ދެވަނަ ބުރުގައި އޮންނާނެ ކޮޅެއް ނިންމުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާ ޝަރުތަކީ ނިޒާމު ބަދަލުކުރުމެވެ. ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ކުރި މަޝްވަރާތަކަށް ފަހު، އެކަން ކުރުމަށް އެ ޕާޓީގެ ފަރާތުން މިހާތަނަށް ސޮއިކޮށްފައި ނުވާ ކަމަށް ޑިމޮކްރެޓްސްގެ ފަރާތުން މިފަހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ