ހިލްޓަން މައްސަލާގައި އަހުމަދު ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓައިފި

ހިލްޓަން މައްސަލާގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓާފައިވާތީ އަނބުރާ ރާއްޖެ ވަޑައިގަތުމަށްޓަކައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާތަކުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހޯމަ ދުވަހު ކަމަށް ވެއެވެ.
2009 ވަނަ އަހަރު އިރުފުށި ރިސޯޓު ހަދަން ސަން ކުންފުނިން ހިލްޓަން ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ހަވާލުކުރުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް ހިލްޓަނުން އަމަލުނުކުރާ ކަމަށް ބުނެ ސަންޓްރެވަލުން 2013ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު ހިލްޓަނުންވަނީ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ.
އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ ނ. މެދުފުށީގައި ތަރައްގީކޮށްފައިވާ އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް ހިންގަން އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލްސް ކުންފުނިން ބާތިލުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ހިލްޓަނަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކުމުންނެވެ.
އާބިޓްރޭޝަނުން 2015 ވަނަ އަހަރު ސަން ކުންފުންޏާ ދެކޮޅަށް މައްސަލަ ނިންމައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދިނުމަށް އާބިޓަރޭޝަނުން އެންގިއެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަންގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2020 ވަނަ އަހަރު ކޯޓުން ވަނީ ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުރުމަށްވެސް އަމުރު ކޮށްފައެވެ.
ސިޔާމް ގެންދަވަނީ ރާއްޖޭގައި ހަތަަރު ޓޫރިސްޓު ރިސޯޓެއް ހިންގަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ