ދައުލަތުގެ ބައި ސެންޓުވެސް ވިލާގެ ތިޖޫރީއަށް ވަދެފަ ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ޤައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް" މިނަމުގައި ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވަނީ އެކި ސަރުކާރުތަކުން ބޮޑެތި އަދަދުތަކުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ މަންޒަރު ފެންނަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެހެންނަަމަވެސް އެމަނިކުފާނު އެންމެ އިހަށްވެސް ކުރަމުންއައި މަސައްކަތަކީ އިސްލާހީ މަސައްކަތްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއްނެތި ހޯދައިދޭން ކޮންމެ ވެރިއަކުވެސް މަސައްކަތްކުރަންޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ އެމްޑީޕީގެ ކެންޑިޑޭޓު ދެ ފަހަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް ވެސް ހޮވަން މަސައްކަތް ކޮށްދެއްވާފައި ވާނެ ކަމަށް ވިދާޅުވެ އެހެންނަމަވެސް މިފަހަރު ޖުމްހޫރީ ކެންޑިޑޭޓް ޓެސްޓްކޮށްލައްވަން އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައި ޕާޓީގެ މެނިފެސްޓޯވެސް މިހާރު އާއްމުކޮށްފައިވާއިރު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިންނާއި ދަރުމަވެރިންނަށް މެނިފެސްޓޯގައި އުންމީދީ ވައުދުތަކެއް ވަނީ ވެފައެވެ.
އެގޮތުން ކުޅިވަރުގެ ދާއިރާއިން މެނިފެސްޓޯގައި ފާހަގަކޮށްލެވޭ ކަންކަމަށް ބަލާއިރު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެތުލީޓުން އިންޝުއާ ކުރުން، އެސޯސިއޭޝަންތަކަށް ބިން މިލްކުވެރިކޮށްދީ، ބޯހިޔާވަހިކަން ދިނުން، "މަދަނީ ޖަމިއްޔާ ބިލްޑިން" ގާއިމުކޮށް ދަރުމަވެރިންގެ ހައްގު ކަށަވަރުކުރުން، ކުޅިވަރުގެ ގާނޫނު އިސްލާހުކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ކުޅިވަރުގައި ހޯމް އެންޑް އަވޭ މޮޑެލް ތައާރަފުކުރުން، ގައުމީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޕްރޮފެޝަނަލް ވެވޭނެ ފަދަ މުސާރައެއް ދިނުމުގެ އިތުރުން އައު އީޖާދީ ވިސްނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަން ހިމެނެއެވެ.
ދައުލަތުގެ ބައި ސެންޓު ވެސް ވިލާގެ ތިޖޫރީއަށް ވަދެފައެއް ނޯންނާނެ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ