އުމަރު އިންތިހާބަށް ކުރިމަތިލެއްވުމަށް 2،000 ސޮއި ހޯއްދަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިލެއްވުމަށް ބޭނުންވާ އަދަދަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއި ހަމަކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި އަމިއްލަގޮތުން ކުރިމަތިލާ ނަމަ އުމުރުން 18 އަހަރު ފުރިފައިވާ، މަދުވެގެން 1،500 މީހުން އެމީހަކަށް ތާއީދުކުރާކަން ދައްކައިދޭން ޖެހެ އެވެ. އެގޮތުން އެމީހުންގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރާއި ދާއިމީ އެޑްރެހާއި ސޮއި ހިމެނޭ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ތަފްސީލް - އުމަރު މިރޭ އޭނާގެ ކެމްޕެއިން އޮފީހުގައި އިންނަވައި ފޭސްބުކް ލައިވްއެއްގައި ވާހަކަދައްކަވަމުން ވިދާޅުވިގޮތުގައި އޭނާގެ ކެމްޕެއިނުން ވަނީ ފަސް ދުވަސް ތެރޭ 2،000 މީހުންގެ ސޮއި ހޯދައިފަ އެވެ.
"ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ސޮއި ދެއްވާފައި މި އޮތީ އަޅުގަނޑުމެންނަށް. އަދިވެސް، ސޮއި ދެއްވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައި އޮތީ،" އުމަރު ވިދާޅުވި އެވެ.
ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ހައްލުނުކުރެވި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ ވައުދާ އެކު ރިޔާސީ ރޭހަށް ނުކުންނަވާފައިވާ އުމަރު ވިދާޅުވީ އޭނާ ކުރިއަށް ގެންދަވަނީ "އާއްމުންގެ ކެމްޕެއިނެއް" ކަމަށެވެ.
"މިހާ ހިސާބަށް އަޅުގަނޑަށް ފާހަގަކުރެވުނީ މިއީ ކެމްޕެއިނަކަށް ވުރެ ބޮޑަށް ހަރަކާތެކޭ، އިނގޭތޯ؟ މޫވްމެންޓަކަށް ބަދަލުވެއްޖެ. ވަރަށް ގިނަ އަދަދެއްގެ އާއްމުން މީގައި ބައިވެރިވެ، މި ހުދު ވަލުގައި ވަރަށް ގިނަ ބަޔަކު ހިފައިފި މިހާރު،" އޭނާ ވިދާޅުވި އެވެ.
ކުރިން އޮތް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ފަރާތުން 2008 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ވިދާޅުވީ އޭނާ ނުކުމެ ހުންނެވީ ރައީސްކަމުގަައި ހުންނެވި ބޭފުޅަކު ބަދަލުކުރެއްވުމަށް ނޫން ކަމަށެވެ.
"މިއީ މި ގައުމުގެ މިސްރާބު ބަދަލުކުރަން އަޅުގަނޑުމެން ހިންގާ ކެމްޕެއިނެއް. މި ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، މި ގައުމު މުޅިން އާ މިސްރާބަކަށް ގެންދިޔުމަށް އަޅުގަނޑުމެން ހިންގާ ކެމްޕެއިނެއް،" އުމަރު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2އާ ހަމައަށް އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ