މާލެ ޓެކްސީގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޢަދަދު އިތުރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ޙުސެއިން މުޙައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. މާލެ ޓެކްސީގެ ޚިދުމަތް ފެށީ، މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.
މާލޭގައި ޓެކްސީގެ ޚިދުމަތް ދެނީ، އަމިއްލަ ފަރާތްތަކަށް ދޭ ޚިދުމަތެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިކަމުގައި އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮންނަ މައިގަނޑު ސަބަބަކީ، ޑިމާންޑާ އެއްވަރަށް ޚިދުމަތް ނުދެވޭތީއެވެ. ހަމައެއާއެކު މާލޭގެ އެތެރޭގެ ދަތުރުތައް ނެގުމަށް ބައެއް ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދަމުންދާތީއެވެ. މިމައްސަލައާއެކު ސަރުކާރުން ވަނީ، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ނިންމަވާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު މިޚިދުމަތް ފަށާފައެވެ.
ޕްރެސަރ ވިތް ސްޕޯކްސްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ޙުސެއިން މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއާއި ނުބައްދަލު ޢަދަދަކަށް މާލޭގައި ވެހިކަލް ހުރި ކަމަށެވެ. އަދި އެންމެ ފުރަތަމަ ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރީ، މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގައި، ހަލާކުވެ ބޭނުން ނުކުރެވޭގޮތަށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި މާލެ ޓެކްސީގެ ޚިދުމަތް ފެށިފަހުން މިހާތަނަށް އައިއިރު، ޚިދުމަތަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ.
"މާލޭ ޓެކްސީ ޚިދުމަތުގެ ފީޑްބެކް ދަނީ ބަލަމުން. ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ. ހަމައެއާއެކު ޑިމާންޑު އިތުރުވަމުންދާކަން އެބަ ފާހަގަކުރެވޭ." ތަރުޖަމާނު ވިދާޅުވިއެވެ.
މާލެ ޓެކްސީގެ ޚިދުމަތް ފެށިފަހުން ދޮޅުމަސް ވެގެންދިޔައިރު ޚިދުމަތާއި ބެހޭގޮތުން އާންމުންގެ ފަރާތުން ދަނީ، އެކިކަހަލަ ޚިޔާލުތައް ލިބެމުންނެވެ. އެގޮތުން ޚިދުމަތާމެދު ހިތްހަމަޖެހޭ ފަރާތްތަކާއި، ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އެކި ފަރާތްތަކުން ޚިޔާލު ހުށައަޅަމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ފުރަތަމަ މަހުގެ ތެރޭގައި 13000 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ޚިދުމަތް ދެމުންދާ އެމްޓީސީސީއިން ވިދާޅުވެއެވެ. ޓެކްސީގެ ޚިދުމަތް ދިނުމަށް ތިމާވެއްޓާ ރައްޓެހި 150 އުޅަނދު ވަނީ ގެނެސްފައެވެ. މީގެ ތެރޭގައި 3 ސައިޒެއްގެ އުޅަނދުތައް ހިމެނެއެވެ. ވެބްސައިޓު މެދުވެރިކޮށް އަދި ހޮޓްލައިން 1655 އަށް ގުޅުމުން ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
"މާލޭ ޓެކްސީ ޚިދުމަތުގެ ޑިމާންޑު ދަނީ އިތުރުވަމުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ