މަރުވި އިޓަލީގެ ޑައިވަރުން ތިބީ އެއް ހޮހަޅައެއްގައި ކަމަށާ ސަލާމަތީ ވަސީލަތްތައް ފުރިހަމަނޫންކަމަށް ފިންލޭންޑްގެ ޑައިވަރަކު ހާމަކޮށްފިއެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި 60 މީޓަރު (197 ފޫޓު) ފުން މި ކޭވްގެ ތެރެއިން މަރުވި ފަސް މީހުންގެ ތެރެއިން ފުރަތަމަ މީހާގެ ހަށިގަނޑު ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ވަނީ ފެނިފައެވެ. ނަމަވެސް ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ފިންލޭންޑް އަދި ދިވެހި ރެސްކިއު ޑައިވަރުންގެ ޚާއްޞަ ޓީމަކުން ކުރި ދިގު މަސައްކަތަށްފަހު، ކޭވްގެ ފުން ސަރަހައްދެއްގެ ތެރެއިންނެވެ. މި ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ކޯސްޓްގާޑު ރެސްކިއު ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ މޫދުގެ އަޑީގައި ހޭނެތިގެން ނިޔާވެފައެވެ.
އިޓަލީގެ ’ލާ ރިޕަބްލިކާ‘ ނޫހަށް މަޢުލޫމާތު ދެމުން ފިންލޭންޑްގެ ޑައިވަރު ސާމީ ޕާއްކަރިނެން ބުނީ، ހަތަރު ޑައިވަރުންގެ ހަށިގަނޑުވެސް ފެނުނީ ކޭވްގެ އެއް ސަރަހައްދަކުން އެކުގައެވެ. އޭނާ ފާހަގަކުރި ގޮތުގައި އެމީހުން ކޭވްގެ ތެރެއަށް ވަދެފައިވަނީ މިފަދަ ނުރައްކާތެރި މާހައުލުތަކުގައި ބޭނުންކުރާ މަގުދައްކާ ވާގަނޑު (ގައިޑް ރޯޕް ނުވަތަ ރީލް) ނުލައެވެ. ކޭވް ޑައިވިންގްގައި މި ވަސީލަތަކީ މަގުއޮޅުނަނުދީ ސަލާމަތްވުމަށް އެންމެ މުހިންމު އެއްޗެވެ. އަދި އެމީހުން ބޭނުންކުރި އިކުއިޕްމަންޓްތަކަކީ އަޑީގެ ކޭވްތަކަށް ޚާއްޞަ ސާމާނު ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯންއާއި ރިސާޗް ފެލޯ މުރިއެލް އޮޑެނީނޯ ހިމެނެއެވެ. އެބޭފުޅުން ރާއްޖެއަށް އައީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިރުންތަކަށް ކުރާ އަސަރު ދިރާސާކުރުމަށެވެ. މީގެ އިތުރުން ޕްރޮފެސަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްއާއި، ދާދިފަހުން ގްރެޖުއޭޓްވި ފެޑެރީކޯ ގުއަލްޓިއޭރީގެ އިތުރުން، ޑައިވިންގ އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ ވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ.
އެމީހުން ޑައިވްކުރަން ފޭބި ވަގުތަކީ މޫސުން ގޯސްވެ، މާލޭގެ ދެކުނުން 100 ކިލޯމީޓަރު ބޭރުގައި އޮންނަ އެ ސަރަހައްދަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވާ ވަގުތެކެވެ. މަރުވި ހަތަރު މީހުންގެ ހަށިގަނޑު ހޮނިހިރު ދުވަހު އިޓަލީއަށް އަނބުރާ ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިނގި އެންމެ ގިނަ މީހުން މަރުވި ޑައިވިންގ ހާދިސާއެވެ.
ގެއްލުނު ޑައިވަރުން ތިބީ އެއް ހޮހަޅައެއްގައި: ސަލާމަތީ ވަސީލަތްތަކެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ