ކަރަންޓު ކެނޑުނީ އަޕްގްރޭޑަށްފަހު ދިމާވި މައްސަލައަކުން: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑެން މެދުވެރިވީ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށްފަހު ދިމާވި މައްސަލައަކުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައްލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރޭ ކުރި މަސައްކަތަކީ ނެޓްވޯކްގެ ސިސްޓަމް ފޯލްޓް ލެވެލް ދަށްކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
ކަރަންޓު ކެނޑުނު ވަގުތަކީ މާލެ ސަރަހައްދުގެ ޑިމާންޑް 100 މެގަވޮޓަށްވުރެ މަތީގައި ހުރި ވަގުތަކަށް ވުމުން، ކުއްލިއަކަށް ލޯޑު ބޮޑުވެ އިތުރު ޖަނަރޭޓަރުތައް ޖައްސައިގެން ކަރަންޓު ދިނުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ސްޓެލްކޯއިން ބުނެއެވެ. ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށްގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ކަސްޓަމަރުންނަށް ދުރާލާ އަންގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ