ކޮންމެ ހަފުތާއަކު ބާއްވަވާނެ ކަމަށް ވިދާޅުވި ބައްދަލުވުން، ރައީސްގެ މަސައްކަތް ބުރަވުމުން ކެންސަލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބާއްވަވަން ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރައްވައިފިއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް 'ސަން'އަށް މިއަދު ވިދާޅުވީ، ރައީސް މަސައްކަތުގައި ބުރަކޮށް އުޅުއްވާތީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށެވެ. މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްޓަކައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނާއި މީޑިއާތަކާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށް ޓަކައި، މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމުގެ ގޮތުން މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00އިން 11:00އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. ރައީސް އޭރު ވިދާޅުވީ، އެ މަނިކުފާނު ދަތުރުފުޅެއް ކުރައްވަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ކަމެއް ނުވާނަމަ، އެ ބައްދަލުވުން ބާއްވަވާނެ ކަމަށެވެ. މީގެ އިތުރުން، މާޗް މަހުން ފެށިގެން ކޮންމެ ވަޒީރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވި ނަމަވެސް، މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން މިހާތަނަށް މީޑިއާތަކާ ބައްދަލުކުރައްވައިފައިވަނީ މަދު ވަޒީރުންތަކެކެވެ. މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރަން މަސައްކަތްކޮށް، ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އަޅާ ކަމުގެ ތުހުމަތުތައް ވަނީ އާންމުވެފައެވެ. އެގޮތުން މިދިޔަ އަހަރު ފާސްކުރި މީޑިއާ ބިލުގެ ދަށުން، މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ. https://sun.mv/221432 މީގެ އިތުރުން 'މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު' (އާރްޓީއައި) ގާނޫނުގެ ދަށުން ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ހޯދަން އެދޭ މައުލޫމާތަށް ޖަވާބު ނުދިނުމުގެ މައްސަލަ ވެސް ވަރަށް ބޮޑެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އިން އެންމެ ފަހުން ނެރުނު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ދިވެހިރާއްޖެ 104 ވަނައިން 108 ވަނައަށް ސޮއްސާލައިފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ