ޒަމާނީ ޕްރޮޑަކްޓްތަކާއެކު އެމްއައިބީން ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވާނެ

ނުވަ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވާނެކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މާދަމާއިން ހޮނިިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި އެމްއައިބީގެ ސްޓޯލްތައް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހަވީރު 3:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އެމްއައިބީން ބުނި ގޮތުގައި، "އެމްޕަވަރިން ސަސްޓެއިނަބަލް ފިއުޗާސް: އިންކްލޫޝަން، އިނޮވޭޝަން، އެންޑް އިންޓެލިޖެންސް" ގެ ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެމްއައިބީގެ ސްޓޯލުތަކުން ވަރަށް ޚާއްސަ އަދި ލުއި ފަސޭހަ ޚިދުމަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ސިކުންތުކޮޅެއްގެ ތެރޭގައި ވަގުތުން އެކައުންޓް ހުޅުވައިދިނުމާއި، ކާޑު އިޝޫކުރުމާއި، އިންޓަނެޓް ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޚާއްސަ ޝަރީޢާ ހުއްދަކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ދިނުމަށް ވެސް އެމްއައިބީން ވަނީ ތައްޔާރުވެފައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމީ ބޭންކުގެ ހައިސިއްޔަތުން، އެ ބޭންކުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އެންމެ ފަސޭހަ، ރައްކާތެރި އަދި ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ބޭންކިންގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ. އެތައް ހާސް ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ މި އެކްސްޕޯއަކީ ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތައް އަމިއްލައަށް ތަޖުރިބާކޮށްލަން އާންމުންނަށް ލިބޭނެ ރަނުގެ ފުރުސަތެއްކަމުގައި އެމްއައިބީން ފާހަގަކުރެއެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭންކުން ވަނީ އާންމުންނަށް ބާރުއަޅާފައެވެ. އެމްއެމްއޭ އިން އިންތިޒާމުކުރާ ފައިނޭންޝަލް އެކްސްޕޯއަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އާންމުން ހޭލުންތެރިކުރުވުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ