އިންތިހާބުގެ ބަލިން ވެސް ފަލާހަށް ފެނުނީ އައްޑޫއިން މުއިއްޒަށް އޮތް ލޯބި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ނާކާމިޔާބުވުމުން ވެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއަށް ފެނިވަޑައިގަތީ އައްޑޫއިން ރައީސް މުހައްމަދު މުއިއްޒަށް އޮތް ލޯބި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. 
މިއަދު ބޭއްވި އިންތިހާބު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ ވަނީ 1375 ވޯޓު ހޯއްދަވައިފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. 
ނަމަވެސް ފަލާހު ހިމެނޭ ގޮތަށް ޕީއެންސީގެ ލީޑާޝިޕުން ދަނީ ބަލި ގަބޫލު ކުރަން ދެކޮޅު ހައްދަވަމުންނެވެ. އޭނާ  ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ބަލި ގަބޫލު ކުރެއްވި ކަމަށް ވިދާޅުވެފައެއް ނުވެ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ސޯބެއަށް މަރުހަބާއެއް ވެސް ނުކިޔަ އެވެ. 
ވެރިކަމުގައި ހުންނަވައި ވިދިވިދިގެން ތިން ވޯޓުން ބަލިވި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒަށް އައްޑޫއިން އޮތް ލޯބި މިއަދު ނާކާމިޔާބުވި އިންތިހާބުން ހާމަވި ކަމަށް ފަލާހު ވިދާޅުވި އެވެ. 
"މިއަދު ބޭއްވުނު އިންތިހާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ވޯޓު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް. ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ. 
މިއީ ވެރިކަން ހިންގާ ޕާޓީއަށް ވިދިވިދިގެން ލިބުނު ތިން ވަނަ ބައްޔެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދީ އެމްޑީޕީއިންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީތަކުގެ މެޖޯރިޓީ ވެސް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. 
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުގައި 75 ޕަސެންޓު މީހުން ބުނެފައި ވަނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒު ވަކާލާތު ކުރެއްވީ ދެ އިންތިހާބު އެއްކޮށްލުމަށެވެ. 
އޭގެ އިތުރުން، މިއަދުގެ އިންތިހާބުން ބަލިވިކަން ގަބޫލުކުރުމުގެ ބަދަލުގައި ފަލާހު ވަނީ އިންތިހާބުގައި ބެހެއްޓި ބައެއް ފޮށިތަކުން ސޮޑާ ކުރި ހޯދާފައިވާތީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އައްޑޫ ރައްޔިތުން ވަނީ އެ ފޮށިތަކުން "ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި" ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 
"އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާ ކަހަލަ އެމްޑީޕީގެ ލީޑާޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫއާމެދު އިހުމާލުވެފައޭ! [ރައީސް އަބްދުﷲ] ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!،" ފަލާހު ވިދާޅުވެފައިވެ އެވެ.
މިއަދުގެ އިންތިހާބަށްފަހު، ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް ސުޖާއު ވެސް ވަނީ ދިގު މެސެޖެއް އެކްސްގައި ލިޔުއްވާފަ އެވެ. އޭނާ ވެސް ވަނީ ބަލި ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. 
"ތިރީގައި އެވަނީ ތިން ރައީސުން އެކުވެގެން ބައި-އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ. މުއިއްޒު އެކަނި ހޯއްދެވި ނަތީޖާ. ރަނގަޅަށް ބައްލަވާ! ތަފާތު ކުރެވުނީ އެންމެ 62 ވޯޓު.
ރައީސް ޑރ. މުއިއްޒު މިނަތީޖާ ހޯއްދެވީ އެމްޑީޕީގެ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫން. ކޮމަންޑޫ އާއި ގުރައިދޫ ދާއިރާ އަށް މުޅި ދައުލަތް އޮއްސާލެއްވި ގޮތަކަށް ނޫން،" ސުޖާއު ވިދާޅުވެފައިވެ އެވެ. 
އެ ދެ ބޭފުޅުންގެ އިތުރުން މިއަދު ބަލިވި ކެންޑިޑޭޓު ސޮޑާ ވެސް ބަޔާނެއް ނެރުއްވި އެވެ. ސޮޑާގެ ބަޔާނުގައި، އޭނާއަށް "ކާމިޔާބީއާ ހަމަށް ވާސިލުނުވެވުނު" ކަމަށް ވަނީ ގަބޫލު ކުރައްވައިފަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު ސޯބެއަށް އޭނާ ވެސް މަރުހަބާއެއް ނުކިޔަ އެވެ. 
"އިންތިހާބުން އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލު ނުވެވުނު ކަމުގައި ވިޔަސް ތިޔަ ބޭފުޅުން ދެއްވި ކޮންމެ ވޯޓަކީ އަޅުގަނޑުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އެ ބަޔާނުގައި ސޮޑާ ވިދާޅުވެފައިވެ އެވެ.
ޑިމޮކްރަސީގެ ރޫހާއި ރީތި އާދަޔާ ހިލާފަށް ބަލި ގަބޫލު ނުކުރައްވާ ފަދަ މޭރުމަކުން ޕީއެންސީގެ ލީޑަރުން ވާހަކަ ދައްކަވާއިރު، އިންތިހާބު ނިމުނު ފަހުން ރައީސް މުއިއްޒު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. މި އިންތިހާބުގައި ކެމްޕެއިން ކުރައްވަން އެމަނިކުފާނު އައްޑޫއަށް ވަޑައިގެންފައެއް ވެސް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ