"ބްލޫ-ފްރަންޓެޑް ލޮރިކީޓް" އަކީ ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި އިންޑޮނޭޝިއާގައި އެންމެ މަދުން ފެންނަ އެއް ދޫންޏެވެ. މި ދޫނި ދުނިޔެއިން މުޅިން ނެތިގޮސްފައި ނުވާނެ ކަމުގެ އުންމީދުގައި ތިއްބާ، އެންމެ ފަހުން މި ދޫނި ފެނިފައިވަނީ 2014 ވަނަ އަހަރު ނަގާފައިވާ ފޮޓޯއަކުންނާއި މިއުޒިއަމްތަކުގައި ހުރި މަދު ސާމްޕަލްތަކަކުން އެކަންޏެވެ. ނަމަވެސް، ފަރުބަދަމަތީ ސަރަހައްދުތަކުގައި ދުވަސްތަކެއް ވަންދެން ދަތުރުކުރުމަށް ފަހު، ބުރު އައިލެންޑްގެ އެންމެ އުސް ފަރުބަދައިގެ މަތިން ފެނުނު ފެހިކުލައިގެ ފިޔަތަކުން، ކުލަގަދަ މި ރީތި ގުރާ އަދިވެސް ދުނިޔޭގައި އުޅޭކަން ވަނީ ކަށަވަރުވެފަ އެވެ.
އިންޑޮނޭޝިއާގެ ބުރު އައިލެންޑަށް އެކަނި ޚާއްސަ، ނުވަތަ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ މި ކުޑަ ދޫނި ފެނިފައިވަނީ އިންޑޮނޭޝިއާގެ ފަރުބަދައަށް އަރާ ގްރޫޕަކުން މިދިޔަ އޭޕްރީލް މަހު ކުރި ދަތުރެއްގަ އެވެ. މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި މި ދޫނީގެ ފޮޓޯއެއް ނެގުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ޖަންގަލީގެ ގަސްތަކުގެ މަތީގައި އުޅޭއިރު އެއް ދޫނި އަނެއް ދޫންޏާ މުއާމަލާތް ކުރުމަށް ބޭނުންކުރާ ތޫނު އަޑުތައް ވެސް މި ޓީމުން ވަނީ ފުރަތަމަ ފަހަރަށް ރެކޯޑްކޮށްފަ އެވެ.
މި ދޫނި ދެނެގަތުމަށް ޓީމަށް އެހީތެރިވެދިނީ އޭގެ ހަށިގަނޑުގައި ހުރި ގަދަ ފެހިކުލައާއި، އޮރެންޖު ކުލައިގެ ތުންގަނޑާއި، ބޮލުގެ ފަހަތުގައި ހުރި ނޫކުލައިގެ ތާޖެއް ފަދަ ބަޔާއި، އޭގެ ނަގޫފަތެވެ.
މި ޓީމުން ދަތުރުކުރީ ހަމައެކަނި މި ބާވަތުގެ ދޫނި ހޯދުމުގެ މަގްސަދުގަ އެވެ. ނަމަވެސް އެ ދޫނި ފެނުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށެވެ.
"ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެންމެ ފަހަރަކު ފެނިފައިވާ ދޫންޏެއް ހޯދަން އުޅުމަކީ ކާމިޔާބުވުން ވަރަށް ދުރު ކަމެއްގެ ގޮތުގައި އިހުސާސްކުރެވުނު،" އެމެރިކަން ބާޑް ކޮންސަވަންސީގެ 'ސާޗް ފޯ ލޮސްޓް ބާޑްސް' ގެ ޑައިރެކްޓަރު ޖޯން މިޓަމަޔާ ވިދާޅުވި އެވެ.
ފުރަތަމަ ފަހަރަށް 1920 ގެ އަހަރުތަކުގައި ހޯދި ހަތް ސާމްޕަލަކުން ދެނެގަނެވުނު "ބްލޫ-ފްރަންޓެޑް ލޮރިކީޓް" އަކީ އިންޑޮނޭޝިއާގެ ދޫނިތަކުގެ ތެރެއިން ހޯދަން އެންމެ އުނދަގޫވެފައިވާ ދޫންޏެވެ. 2014 ވަނަ އަހަރު ފޮޓޯއެއް ނެގުމާ ހަމައަށް ގާތްގަނޑަކަށް 90 އަހަރު ވަންދެން މި ދޫނީގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ.
މި ގުރާ މުޅިން ނެތިގެން ނުދާ ކަމަށާއި، ނަމަވެސް މީގެ ކުރިން މީހުން ހޯދި އުސްމިނަށް ވުރެ މާ މަތީ ފަރުބަދަތަކުގައި އުޅެނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ދޫނި ފެނުނު އުސް ސަރަހައްދަކީ، ދާދި ފަހުން އެ ސަރަހައްދުގެ ފަރުބަދައަށް އަރާ މީހުން އެތަނަށް ދެވޭނެ މަގެއް ހޯދުމާ ހަމައަށް، މީހުންނަށް ނުދެވޭ ފަދަ އުނދަގޫ ސަރަހައްދެކެވެ.
"އެ ރަށުގައި މި ލޮރިކީޓްތަކާ ވައްތަރު އެހެން އެއްވެސް ދޫންޏެއް ނޫޅޭ. އެހެންކަމުން އެ ދޫނިތައް ފެނުމާއެކު އެއީ ކޮން އެއްޗެއްކަން ވަގުތުން އެނގުނު،" މިޓަމަޔާ ވިދާޅުވި އެވެ.
މިޓަމަޔާ އިތުރަށް ވިދާޅުވީ، އެ ދަތުރުގައި މަދުވެގެން ނުވަ ދޫނި ފެނިފައިވާ ކަމަށެވެ.
"ބްލޫ-ފްރަންޓެޑް ލޮރިކީޓް" އަކީ އައި.ޔޫ.ސީ.އެން ރެޑް ލިސްޓުގައި އެކަށީގެންވާ މައުލޫމާތު ނެތް ދޫންޏެއްގެ ގޮތުގައި ހިމަނާފައިވާ ދޫންޏެކެވެ. އަދި 2024 ވަނަ އަހަރު، އެމެރިކަން ބާޑް ކޮންސަވަންސީ އާއި، ރީ:ވައިލްޑް އަދި ބާޑްލައިފް އިންޓަނޭޝަނަލް ގުޅިގެން ހިންގާ 'ސާޗް ފޯ ލޮސްޓް ބާޑްސް' އިން ވަނީ މިއީ ގެއްލިފައިވާ ދޫންޏެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މިޓަމަޔާ ވިދާޅުވީ، މި ދޫނީގެ އާބާދީގެ މިންވަރާއި އެ ދޫނިތަކަށް ހުރި ނުރައްކާތައް ދެނެގަތުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
"މިފަދަ ހޯދުމަކީ އެ ދޫނިތައް ހިމާޔަތްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު،" މިޓަމަޔާ ވިދާޅުވި އެވެ.
ގަރުނަކުން އެއް ފަހަރު ފެންނަ ރީތި ދޫންޏެއް އިންޑޮނޭޝިއާއިން ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ