ފައިނަލުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެ، އިންޑިއާ އިން ހަތް އަހަރު ފަހުން ހަ ވަނަ ފަހަރަށް ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސާފްގެ އަންހެން ފުޓްބޯޅަ މުބާރާތް ޖުމްލަ އެކު، އަށް ފަހަރު ބޭއްވިއިރު ހަ ފަހަރު ތަށި ހޯދީ އިންޑިއާ އިންނެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފް އިން އަންހެން ފުޓްބޯޅަ މުބާރާތްތައް ބާއްވަން ފެށީ 2010 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން އިންޑިއާ އިން ޖެހިޖެހިގެން ފަސް މުބާރާތުގެ ތަށި ހޯދި އެވެ. އެއީ، 2010، 2012، 2014، 2016 އަދި 2019 ވަނަ އަހަރު އެވެ. އެކަމަަކު، އޭގެ ފަހުން، 2022 އާއި 2024 ގައި ތަށި އުފުލާލީ ބަންގްލަދޭޝް އިންނެވެ. އެކަމަކު، ޖެހިޖެހިގެން ތިން ވަނަ ފަހަރު ތަށި ހޯދަން ބަންގްލަދޭޝް އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
އިންޑިއާގެ ގޯއާގައި ކުރިއަށްދިޔަ މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ހަ ގައުމު ކުޅުނުއިރު، އިންޑިއާ އާއި ބަންގްލަދޭޝާ އެކު ދެން އެ ގްރޫޕްގައި އޮތީ ރާއްޖެ އެވެ. އިންޑިއާ އާއި ބަންގްލަދޭޝް އިން ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަން ޖެހުނުއިރު، އެ މެޗަށް ކުރިމަތިލިއިރު ވެސް އެ ދެ ޓީމު ވަނީ ސެމީ އަށް ގޮސްފަ އެވެ. އެއީ، އިންޑިއާ އިން 11-0 އިން ރާއްޖެ ބަލިކުރިއިރު، ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ކުރިހޯދުނީ 4-2 އިންނެވެ.
ގްރޫޕް ސްޓޭޖުގައި އިންޑިއާ އިން 3-0 އިން ބަންގްލަދޭޝް ބަލިކުރި އެވެ. ސެމީގައި އިންޑިއާ އިން 1-0 އިން ބޫޓާންގެ މައްޗަށް ކުރިހޯދިއިރު، ފަހު ވަގުތު ލަނޑު ޖަހައި، ބަންގްލަދޭޝް އިން 2-1 އިން ނޭޕާލް ބަލިކޮށް ފައިނަލަށް ދަތުރުުކުރި އެވެ.
ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި، އިންޑިއާ އިން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޕިޔާރީ ޒާޒާގެ ލަނޑުން ލީޑުނެގި އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރީތޫ ޕޯރްނާ ޗަކްމާ ވަނީ ބަންގްލަދޭޝް އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 40 ސިކުންތު ތެރޭގައި އިންޑިއާ އިން ލަނޑެއް ޖަހައި އަލުން ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސަންފިދާ ނޮންގްރަމް އެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ބަދަލަކަށް ކުޅެން އެރި ލިންޑާ ކޯމް ސެރްތޯ ވަނީ އިންޑިއާގެ ފަހު ލަނޑު ޖަހައިފަ އެވެ.
ހަތް އަހަރު ފަހުން އިންޑިއާ އިން ހަ ވަނަ ފަހަރަށް ސާފް ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ