ވޯޓު ކަރުދާސް ހުސްވި މައްސަލާގައި ދެކުނު ކޮރެއާގައި ހުކުރު ދުވަހުން ފެށިގެން މުޒާހަރާ ކުރަނީ

ދެކުނު ކޮރެއާގައި މިދިޔަ ހަފުތާގެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަލުން ބޭއްވުމަށް ގޮވާލައި، ވޯޓު ގުނާ މަރުކަޒެއްގެ ބޭރުގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.
ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް އެސްކޭ އޮލިމްޕިކް ހޭންޑްބޯލް ސްޓޭޑިއަމް ސަރަހައްދަށް ގާތްގަނޑަކަށް 10،000 އެއްހާ މީހުން ވަނީ އެއްވެފަ އެވެ. އެ ސްޓޭޑިއަމަކީ މިދިޔަ ބުދަ ދުވަހު މޭޔަރުންނާއި، ލޯކަލް ގަވަރުމަންޓް އޮފިޝަލުން އަދި އެސެމްބްލީ މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓު ގުނަމުންދާ މަރުކަޒެވެ.
މުޒާހަރާތައް ފެށުނީ ވޯޓު ކަރުދާސް ހުސްވުމުގެ ސަބަބުން ބައެއް މީހުންނަށް ވޯޓު ނުލެވުނު މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ނޭޝަނަލް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި، ވޯޓުލާން ކަނޑައަޅާފައިވާ 14،300 މަރުކަޒުގެ ތެރެއިން 50 މަރުކަޒަކުން ވޯޓު ކަރުދާސް ހުސްވި އެވެ. އަދި ވޯޓުލުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން 22 މަރުކަޒެއްގައި ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.
ސޯލްގެ މޭޔަރު އޯ ސޭ-ހޫން ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، ވޯޓު ކަރުދާސް ހުސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ. އޭނާ ވަނީ އިލެކްޝަން ކޮމިޝަން އުވާލައި، ޚާއްސަ ޕްރޮސެކިއުޓަރުން މެދުވެރިކޮށް މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައްވާފަ އެވެ.
ލޯކަލް ބްރޯޑްކާސްޓަރު ވައިޓީއެން އާއި ޔޮންހަޕް ނިއުސްގެ ލައިވް ފުޓޭޖްތަކުން ފެންނަ ގޮތުގައި، ޔޫޓިއުބަރުން ހިމެނޭހެން ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން ދިޔައީ "އިންތިޚާބު އަލުން ބޭއްވުމަށް" ގޮވާލައި އަޑުއުފުލަމުންނެވެ. 
މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ނޭޝަނަލް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނަށް ސްޓޭޑިއަމުން ނުނިކުމެވޭނެހެން އެތަނުގެ ދޮރުމަތީގައި އިށީނދެފަ އެވެ. އެ ތަނުގައި އެ މީހުން ތިބޭތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ.
ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ސްޓޭޑިއަމް ތެރޭގައި ތާށިވެފައި ތިބި އޮފިޝަލުންނަށް އެތަނުން ނުކުމެވުނީ ހޮނިހިރު ދުވަހު ކަމަށް ޔޮންހަޕް ނިއުސްއިން ރިޕޯޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ