މިހިތް އެދޭތީ... 22
"އަހަރެން ޔައިލްދެކެ ލޯތްބެއް ނުވޭ... އަހަރެން ޔައިލްއާ ރައްޓެހިވީ އަހަރެންގެ ދިރިއުޅުން އޭރު އެކަނިވެރިވީމަ..." އިޒީ ބުނެލިއެވެ. ދޮރުމަތީގައި ހުރި ޔައިލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ. ******* އިޒީގެ އަޑު ޔައިލްއަށް އިވުނީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. އިޒީ އެހެން ބުނީ ޔައިލްދެކެ ރުޅި އައިސްފައި ހުރުމުން ހެއްޔެވެ؟ އެކަމަކު، ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުމުން، އެ ކައިވެންޏަށް ދެކޮޅު ހަދަން އިޒީއަށް އެހާ ފަސޭހަވީ ކީއްވެ ހެއްޔެވެ؟ އެ ޖުމުލަތައް އަޑު އިވުމުންވެސް ޔައިލްގެ ހިތަށް ބުނެދޭން ނޭނގޭ ފުން އަސަރުތަކެއް ކުރުވައިފިއެވެ. ވީއިރު، އެ ޖުމުލަތައް ދުލުން ބުނެލަން އިޒީއަށް އެހާ ފަސޭހަވީ ކީއްވެ ހެއްޔެވެ؟ ޔައިލްގެ ހިތަށް ވީ ތަދުން، މޭގައި އަތުން ފިރުމައިލެވުނެވެ. "އޭނ؟..." ފަރުހާދު ދެލޯ ބޮޑުކޮށްލަމުން ފުންމައިގެން ތެދުވިއެވެ. "ދަރިފުޅަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟... ލޯބިނުވާއިރު، މިހިސާބަށް ދިޔައީ ކީއްވެ؟..." އިޒީ ދެއްކި އެއްވެސް ވާހަކައެއް އާގިސާއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާއަށް ގަބޫލު ކުރެވުނީ، އެއީ ހަމައެކަނި އިޒީގެ ދުލުން ބޭރުކޮށްލި ޖުމުލަތަކެއް ކަމަށެވެ. ޔައިލްދެކެ އިޒީ ވާ ލޯބި ހުރީ އެ ދެލޮލުން ފެންނާށެވެ. ދުލުން ބުނެދިނުމެއް މުހިއްމެއް ނޫނެވެ. އިޒީގެ ކޮންމެވެސް މަޖުބޫރީއެއް ވަނީއެވެ. އެތައް އިރެއް ވީއިރުވެސް އިޒީ އެއްޗެއް ނުބުނުމުން ފަރުހާދު ރުޅިގަދަވިއެވެ. އެކަން ފާހަގަވުމުން، އާގިސާ ބޮލުގެ އިޝާރާތުން އެއްޗެއް ނުބުނުމަށް ފަރުހާދަށް އެންގިއެވެ. މާޒީގެ ހިތްދަތި ދުވަސްތައް އިއާދަވާން އާގިސާ ބޭނުމެއް ނުވެއެވެ. ހެދޭ ޅައެއްޗެއްގެ ސަބަބުން، އަނެއްކާވެސް އެނާއަށް އިޒީ ގެއްލިދާނެއެވެ. "އާގިސާ އޭނައަށް ވިސްނައިދީ... އަހަންނަކަށް ނޭނގެ ދެން ބުނާނެ އެއްޗެއްވެސް..." ފަރުހާދު ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުންނަން ހިނގައިގަތެވެ. އެތަނުގައި ހުންނަންވެއްޖެނަމަ، ފަހުން ހިތާމަކުރަންޖެހޭވަރުގެ އެއްޗެއް ބުނެވިދާނެތީ އޭނާ ވެސް ޖެހިލުންވީއެވެ. "ދަރިފުޅު އާދެބަލަ މަންމައާ އެކީ..." އިޒީގެ އަތުގައި ހިފައިގެން ކޮޓަރި އާއި ދިމާއަށް ހިނގައިގަންނަމުން އާގިސާ ބުނެލީ އޯގާތެރި ރާގަކަށެވެ. އާގިސާ އާއިއެކު ކޮޓަރިއަށް ވަންއިރުވެސް އިޒީ ހުރީ އިސްޖަހައިގެންނެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން ކަރުނަ ތިއްކެއް ވައްޓައިނުލާން އިޒީ ކުރަމުންދިޔަ މަސައްކަތް ފެނަށްވީ، ކޮޓަރިއަށް ވަދެ، އާގިސާ އިޒީގެ ގައިގައި ބައްދައިލުމުންނެވެ. މަންމަގެ އެ ގާތްކަން ލިބުމުން އިޒީގެ ކެތްތެރިކަން ކޮޅުންލިއެވެ. ******* ދޮރު ކައިރީގައި ހުރި ޔައިލް ފެނުމުން، ފަރުހާދު ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ ގޭތެރެއަށެވެ. އޭރު އާގިސާމެން ކޮޓަރިއަށް ވަންނަނީއެވެ. "ކޮން..އި...ރަކު... އަ..އީ؟..." ފަރުހާދަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. ޔައިލް ހުރިގޮތުން އިޒީ ދެއްކި ވާހަކަ އަޑު އިވުނުކަން ފަރުހާދަށް އެނގުނެވެ. އަމިއްލަ ދަރިފުޅުގެ އެ ބަސްތައް ވިހަ ތީރުތަކެއްހެން ޔައިލްގެ ހިތަށް ހެރޭނެކަން ފަރުހާދަށް އެނގެއެވެ. ކުށެއްނެތި މީހަކަށް އެވަރުގެ ދެރައެއް ދޭން އިޒީ ވިސްނުމުން، ޔައިލްގެ ކުރިމަތީގައި ފަރުހާދަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. މައިންބަފައިންގެ އަޅާލުން ނުދެވި، އިޒީ ބޮޑުވުމުން، އެ ހިތުގައި ރަހުމުގެ ކުޑަވެސް މިންވަރެއް ނެތީ ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިފައި ފަރުހާދު ހުއްޓާ، ޔައިލް އެއްފަރާތަކަށް ޖެހިލިއެވެ. ފަރުހާދު ނުކުތުމަށް ތަން ދެއްކިއެވެ. އެފަދަ ނާޒުކު ވަގުތެއްގައި ވެސް ޔައިލްގެ ފަރާތުން ފެނުނީ އަދަބު އިހުތިރާމް އަދާކުރުމުގެ ރީތި ސިފައެވެ. ފަރުހާދަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޔައިލްއަށް ބަލަން އޭނާ އިރުކޮޅަކު ހުއްޓެވެ. އެފަދަ ކުއްޖަކު ދެން އިޒީއަށް ލިބިދާނެ ހެއްޔެވެ؟ "ހިނގާބަލަ ބޭރަށް ނުކުމެލަން..." ޔައިލްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ފަރުހާދު ބުނެލީ ގާތް ގޮތަކަށެވެ. ދެމީހުން ދިޔައީ ކެފޭއަކަށެވެ. ގޭތެރެއަށް ޔައިލް ވައްދައިގެން ކަމެއް ގޯސްވާން ފަރުހާދު ބޭނުން ނުވީއެވެ. ކޮފީތަށި އައިއިރު، ފަރުހާދު އިނީ ވާހަކަ ފަށާނެ ގޮތަކާއިމެދު ވިސްނާށެވެ. "އެއްކޮށް އުޅޭއިރު، މައްސަލަވެސް ޖެހޭނެ... އެހެންނު؟..." ކޮފީފޮދެއް ބޯލަމުން ފަރުހާދު ބުންޏެވެ. ޔައިލް ވަގުތުން އެކަމަށް އެއްބަސްވިއެވެ. "ބައެއް ފަހަރު އެ މައްސަލަތައް އެހެން މީހުންނަށް ކިޔައިދޭންވެސް ޖެހޭ... އޭރުންތާ ދެމީހުންނަށް އެކަން ހައްލު ނުވާއިރު، ހައްލުކުރަށް އެހެން މީހަކަށްވެސް މަސައްކަތެއް ކޮށްދެވޭނީ... އަހަރެންގެ އިޒީގެ ތަންކޮޅެއް ބޯހަރުގޮތެއް ހުންނާނެ..." ފަރުހާދު މަޑުމަޑުން އަސްލު މައުޟޫޢު ފެށިއެވެ. "މައްސަލައަކީ އަހަރެން... އިޒީއެއް ނޫން..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޔައިލް ބުންޏެވެ. "ކޮބާ މައްސަލައަކީ؟..." ފަރުހާދު ޝައުގުވެރިވިއެވެ. "އިޒީއަކީ ވަރަށް ރަނގަޅު ކުއްޖެއް... އަހަންނަށް އެއްވެސް ކަމެއް ސިއްރެއް ނުކުރޭ... އެކަމަކު އަހަރެން..." ޔައިލް ހުއްޓައިލިއެވެ. "ޔައިލް ކަމެއް ސިއްރު ކުރީތަ؟..." ފަރުހާދު ހައިރާންވީ، އިޒީގެ ވާހަކަ އާއި ޔައިލްގެ ވާހަކަ ދިމާނުވާތީއެވެ. ޔައިލް ބޯ ޖަހައިލިއެވެ. "ތީ ވަރަށް ދެރަ ކަމެއް... ކައިވެނި ކުރާއިރު، އެކަކު އަނެކަކަށް ކަންކަން ސިއްރުކުރުމަކީ އެހާ ރަގަޅު ކަމެއް ނޫން.... އިތުބާރު ކުރަންވާނެ..." ފަރުހާދު ބުޏްޏެވެ. ޔައިލްގެ ވާހަކައިން އިޒީގެ ހިތްހަމަނުޖެހުން ފަރުހާދަށް ކޮންމެވެސް ވަރަކަށް ފަހުމުވިއެވެ. އެކަމަކު، އިޒީއަކީ އާދައިގެ ކަމަކާއި އެހާ ވަރަށް ރުޅި އަންނަ ކުއްޖެއް ނޫންކަން ފަރުހާދަށް އެނގެއެވެ. ޔައިލް ކަމެއް ސިއްރުކޮށްގެން، ކައިވެނި ނުކުރަން ވިސްނާ ވަރަށްވުރެ އިޒީ ހަރުދަނާ ވާނެއެވެ. ވީއިރު، ޔައިލް ސިއްރު ކުރީ ކިހާ ވަރެއްގެ ކަމެއް ހެއްޔެވެ؟ ހާސްކަން ފެންނަމުންދިޔަ ފަރުހާދުގެ މޫނަށް ޔައިލް ބަލައިލީ ކަމެއް ޔަގީންކޮށްލާ ފަދައިންނެވެ. ކުރިމަތީގައި އިނީ ކައިވެނި ކުރަން ބޭނުންވީ ކުއްޖާގެ ބައްޕައެވެ. އެ މީހާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ އިޒީއަށްވުރެ ކުރިން އޭނާއަށް ހަގީގަތް ކިޔައިދޭންވީ ހެއްޔެވެ؟ އެކަމަކު އޭރުން އެ ކައިވެންޏަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޔަގީނުންވެސް އިޒީގެ މައިންބަފައިން އޭނާ އާއި ދޭތެރޭގައި ދެކޭގޮތް ބަދަލުވާނެއެވެ. އަނެއްކޮޅުން ޔައިލްގެ މުޅި އާއިލާ އެ ކައިވެންޏާއި ދެކޮޅުވާނެކަން އެނގޭއިރު، އެގުޅުން ކުރިއަށް ގެންދާކަށް އިޒީގެ މައިންބަފައިން ބާރެއް ނާޅާނެއެވެ. ******** "މަންމައަށް އެނގޭ ދަރިފުޅު ޔައިލްދެކެ ވަރަށް ލޯބިވާކަން..." އިޒީގެ ބުރަކަށީގައި ފިރުމަމުންދިޔަ އާގިސާ އިނީ ދަރިފުޅުގެ ހިތާމަ ފެނި ހިތް ފަޅައިގެންދާވަރު ވެފައެވެ. "ދެން ނޭނގެ ހަދާނެ ގޮތެއް..." އިޒީގެ ހިތް ހުޅުވެން ފެށިއެވެ. "މަންމަ ކައިރީ ބުނޭ... މަންމައަށް އެނގޭނެ ހަދާނެގޮތް..." އާގިސާ ޔަގީންކަމާއި އެކުގައި ބުނެލިއެވެ. އިޒީ އޭނާގެ މަންމައަށް ބަލައިލީ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ. ހަގީގަތް ހާމަކޮށްގެން، އާގިސާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އާގިސާގެ ހިތަށް ތަދުވުން ނޫންކަމެއް ނުވާނެއެވެ. އެކަމަކު، އޭރުން އިޒީ އެ ކައިވެންޏަށް ދެކޮޅުހަދާ ސަބަބު، އޭނާގެ މައިންބަފައިންނަށް ވިސްނޭނެއެވެ. "ދަރިފުޅަށް މަންމަ ކައިރީ ނުބުނެވޭނެ ވާހަކައެއް ނޯންނާނެ..." އާގިސާ ޔަގީންކަން ދިނެވެ. "ޔައިލްއަކީ... ޔައިލްއަކީ..." ހަގީގަތް ދުލުން ހާމަކުރަން އުޅުނަސް، އަމިއްލަ ނަފުސު ކުށްވެރި ކުރެވޭވަރުން އިޒީއަކަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އިޒީ ހަމަޖެހިލަންދެން އާގިސާ އެއްޗެއް ނުބުނެ އިނެވެ. "އެއީ... އެއީ އައިޝާގެ ބޭބެ..." އިޒީ ބަލައިލީ ސީދާ އާގިސާގެ ދެލޮލަށެވެ. "އަހަރެން ކިހިނެއް ޔައިލްއާ މެރީ ކުރާނީ މަންމާ..." އާގިސާއަށް ލިބުނު ސިހުމުގައި ބުނާނެ އެއްޗެއްވެސް ދުލަކަށް ނައެވެ. އެންމެ ފުރަތަމަ ޔައިލް ފެނުނު ދުވަހުވެސް އާގިސާއަށް އެވަރަށް ބެލުނީ ދަންނަ މީހަކާއި ޔައިލް ވައްތަރުވުމުންނެވެ. ރަނގަޅަށް ވިސްނައިލުމުން، އައިޝާ އާއި ޔައިލްގެ ވައްތަރުގޮތެއް ހުރިކަން އާގިސާއަށް އެނގުނެވެ. އާގިސާ އިޒީގެ ގައިގައި ފިރުމައިލިއެވެ. މުޅި ދުނިޔެއިންވެސް އިޒީއަށް ލޯބި ވެވުނީ، އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ސަފުހާ ގުޅިފައިވާ މީހާއަށެވެ. އެ ކައިވެނި ކޮށްގެންވެސް، އިޒީގެ ހިތަށް ހަމަޖެހުން ލިބިދާނެކަމާއިމެދު އާގިސާއަށް ޝައްކެވެ. ޔައިލް ފެންނަ ކޮންމެ ފަހަރަކު އިޒީގެ ހިތް ކުދިކުދިވާނެއެވެ. ބޭނުންނުވިޔަސް، މާޒީގެ ހިތްދަތި ސަފުހާތައް ނިއުޅޭނެއެވެ. "ޔައިލްއަށް އެކަން އެނގޭތަ؟...." އާގިސާ އަހައިލިއެވެ. އިޒީ ބޯ ޖަހައިލުމުން، އާގިސާގެ ހިތުގައި އުފެދުނީ ދިލަ ރިހުމެކެވެ. "ދަރިފުޅު ކައިރީ ކާކު އެވާހަކަ ބުނީ؟... ޔައިލް ބުނީތަ؟..." އާގިސާގެ ސުވާލުތައް ހުހެއް ނުވިއެވެ. އިޒީ ތެދުވެގެން ގޮސްފައި އެނބުރި އައީ ތަސްވީރުތަކެއް ހިފައިގެންނެވެ. ތަސްވީރުތައް އާގިސާގެ އަތަށް ދިނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ